ކައިލީ ބޭނުންވަނީ ކޮންމެވެސް ދުވަހަކުން 7 ކުދިން ހަމަކުރަން

ކޮންމެވެސް ދުވަހަކުން 7 ދަރިން ހޯދުމުގެ ހުވަފެން ދެކޭ ކަމަށް، ޒުވާން ބިލިއަނަރު އަދި ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ ހާމަކޮށްފިއެވެ. ކައިލީ މިކަން ހާމަކޮށްފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު އިންސްޓަގްރާމް ލައިވް ވީޑިއޯ މެދުވެރިކޮށް ފޭނުންނާ ވާހަކަ ދައްކަމުންނެވެ.

އެގޮތުން، އިތުރު ކުއްޖަކު ހޯދަފާނަންތޯ ފޭނެއް އެހުމުން އޭގެ ޖަވާބުގައި ކައިލީ ބުނީ، އޭނާ އަސްލު ބޭނުންވަނީ 7 ކުދިން ހަމަކޮށް، ބޮޑު އާއިލާއެއް ބިނާ ކުރާށެވެ. ނަމަވެސް، ވިހެއުމަކީ ޖޯކެއް ނޫން ކަމަށާއި، އެއީ ކިހާ އުނދަގޫ، ވޭން ހުރި ކަމެއްކަން އޭނާއަށް އެނގޭ ކަމަށްވެސް ބުންޏެވެ. ” ދެވަނަ ކުއްޖެއް ހޯދާކަށް އަދި އަހަރެން ތައްޔާރެއް ނޫން”، ކައިލީ ކިޔައިދިނެވެ.

ކޮންމެއަކަސް، ކައިލީ ޖެނާއަށް އިތުރު ދަރިންތަކެއް ލިބިގެން އުޅޭތަން ފެނުމަކީ މުސްތަޤުބަލުގައި އޭނާގެ ފޭނުންނަށް ފެނިދާނެ މަންޒަރެއް ކަން މިހާރު މިވަނީ ކަށަވަރު ވެފައެވެ. އަދި މިހާރުންސުރެ ބައެއް ފޭނުން އަންނަނީ އޭނާގެ ދަރިންނަށް ކިޔާފާނެ ކަމަށް ބެލެވޭ ނަންތަކެއް ހިއްސާކުރަމުންނެވެ. އޭގެތެރޭގައި “ރެއިނީ” އަދި “ކްލައުޑީ” ހިމެނެއެވެ. ސަބަބަކީ، ކައިލީގެ މިހާރު ހުރި ދަރިފުޅުގެ ނަމަކީ “ސްޓޯމީ” ކަމަށް ވާތީއެވެ.

ކައިލީ ޖެނާއާއި ލޯބިވެރިޔާ ޓްރޭވިސް ސްކޮޓަށް އަންހެން ކުއްޖަކު ލިބުނީ 2018 ވަނަ އަހަރެވެ. އޭރު ކައިލީގެ އުމުރުން އެންމެ 20 އަހަރެވެ. އަދި ކައިލީއާއި އޭނާގެ މުޅި އާއިލާއިން ވަނީ އޭރު އޭނާ ބަލިވެ އިންކަން ދުނިޔެއަށް ފޮރުވަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ކޮންމެވެސް ގޮތަކުން މީޑިއާއަށް އެވާހަކަ ފަޅާއެރުމުން، އެކަން ވެގެންދިޔައީ ފޭނުންނަށް ލިބުނު ޝޮކަކަށެވެ. ނަމަވެސް ކައިލީ އެ ޚަބަރު ކަށަވަރު ކޮށްދީފައިވަނީ ވިހެއުމަށްފަހުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!