ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ގެންދިއުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭކޭ އަބްދުލް މޮމެންއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.
ދެބޭފުޅުން ވަނީ މިއަދު ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ޙާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެޤައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން ގެ އަރިހުން މިނިސްޓަރ އެދިވަޑައިގަތެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން ވަނީ މިކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.