ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއްޖެ

ސްކޫލްތައް ބަންދުވެފައިވާ ދަނޑިވަޅުގައި ގްރޭޑް 1 އިން 8 އާއި ދެމެދުގެ ކުދިންނަށްވެސް މިހަފްތާގެ ތެރޭގައި ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވަގުތު ނޫހާއި ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ފައުންޑޭޝަން ކުދިންނަށް ހާއްސަ ޕްރޮގްރާމަކާއި ގްރޭޑް އެކަކުން އަށަކާއި ދެމެދުގެ ކުދިންނަށް ޓީވީ ޗެނަލް މެދުވެރިކޮށް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިހުސާނު ވިދާޅުވީ ގްރޭޑް އެކަކުން ހަޔަކަށް ކިޔަވާ ދަރިވަރުންނަށް ލިޓްރަސީ އަދި ނިއުމަރަސީ ކްލާސްތައް ހިންގުމަށް ހަމަ ޖެހިފައިވާ ކަމަށާއި، އެކުދިންނަށް ކިޔަވައިދޭން ހަމަޖެހިފައިވާ ޗެނަލް އަދި ފައިނަލް ކުރުމަށްފަހު އަންގަވާނެ ކަމަށެވެ

މީގެ އިތުރުން 7-8 ގައި ކިޔަވާ ކުދިންގެ ޕްރޮގްރާމްތައް ދިވެހި ޗެނަލް މެދުވެރިކޮށް ވަކިން ހާއްސަ މާއްދާތައް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

“މިހަފްތާގައި މި ދެންނެވި ކްލާސްތައް ބޭއްވޭތޯ މިހާރު މިދަނީ މަސައްކަތް ކުރަމުން. ކީ ސްޓޭޖު އެކެއް އަދި ދޭއް (ގުރޭޑް 1-6)ގެ ކުދިންގެ ޕްރޮގްރާމް ދައްކާނެ ޗެނަލެއް ފައިނަލް ވުމުން އެކަން އިއުލާނު ކުރާނަން. 7-8 ގެ ކުދިންގެ ޕްރޮގްރާމް ކުރިއަށްދާނީ ދިވެހި ޗެނަލް މެދުވެރިކޮށް” އިއުސާން ވިދާޅުވިއެވެ.

އެޑިއުކޭޝަނުން މިދިޔަ ހަފްތާގައި ވަނީ ގްރޭޑް 9 އިން 12 އާއި ދެމެދު ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓެލެކިލާސް މެދުވެރިކޮށް ފިލާވަޅުތައް ނަގައިދޭން ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!