ރާއްޖޭގައި ވެސް ހަނޑޫ ހެއްދިދާނެކަން ދިވެހި ޒުވާނަކު ދައްކާލައިފި

ދަނޑުވެރިކަމަށް ބާރު އަޅަމުން އަންނަ މިދަނޑިވަޅުގައި، އިމްޕޯޓު ކުރާ މުދަލަށް ބަރޯސާ ކުޑަކޮށް ދިވެހިރާއްޖޭގައި ވެސް ހަނޑޫ ހެއްދިދާނެކަން ދިވެހި ޒުވާނަކު ދައްކާލައިފިއެވެ.

ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރު، އިބްރާހީމް އަޝްރަފް މިވަނީ ސޯޝަލް މީޑިއާއަށް އޭނާ ހެއްދި ހަނޑޫ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

އަޝްރަފް ބުނީ ފުރަތަމަ މަސައްކަތް ހަނޑޫ ހެއްދޭތޯފެށީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. ވައިކަރަދޫ ސްކޫލުގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު ޗުއްޓީއަށް ގޮސް އެނބުރި އައި އިރު އޭނާގެ އެދުމުގެމަތިން ގެނެސް ދިން ބައި ކިލޯއެއްހާ ހަނޑޫ މުޑުވައް ޓެސްޓު ކުރި އެވެ.

އަޝްރަފު ކިޔައިދިން ގޮތުގައި، އެންމެ ފުރަތަމަ ފޮތިކޮޅެއްގެ ތެރެއަށް ވެއްޔާއި ފެން އެޅުމަށް ފަހު އެއް ދުވަސްވަންދެން ބެހެއްޓީ އެވެ. މޫލައި ގަސް ފެޅުމުން އެހަނޑޫ ފުއްތައް 4 ފޫޓު 5 ފޫޓު ގޮޅިއެއްގައި ޕްލާސްޓިކްއަޅާ، ވެލި އެޅުމަށްފަހު، ގެރި ގުޔާއިއެކު ފެން އަޅާ ޗަކަކޮށް ގާތްގަނކަށް ތިން ދުވަސްވަންދެން ބެހެއްޓި އެވެ.

މުޑުވައް އިންދިތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަޝްރަފްގެ ކުޑަ ދަނޑުން ހަނޑޫ ކެނޑޭވަރަށް ފޯދިއްޖެ އެވެ. ހުއި ގޮތަށް ހެދޭ ހަނޑޫ ގަސް ތިން މަސް ތެރޭ ފޯދެ އެވެ. އަދި ހަތަރު ވަނަ މަހުގައި ހަނޑޫދޮންވެ ކެނޑޭވަރުވި ކަމަށް އަޝްރަފް ބުންޏެވެ.

މިކަންތައް އޭނާ ކުރީ އޭނާއަށް އެހީތެރިވި ޓީޗަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށާއި އަދި ވީޑިއޯތައް ބަލައިގެން ކަމަށްވެސް އަޝްރަފް ބުންޏެވެ. 

އަޝްރަފް އަށް ލިބުނު ބައިކިލޯ ހަނޑުލާ އެކު އޭނާގެ އަމާޒު މިހާރު ހުރީ މީގެ ކުރިން އިންދި ވަރަށް ވުރެ ފުޅާކޮށް އެ މަސައްކަތް ކުރުމަށެވެ. އަޝްރަފު ބުނި ގޮތުގައި ރަށުން ދަނޑުވެރިކަމަށް ބިން ދޫކުރާނަމަ މިކަން އިތުރަށް ކުރުމަށް ބިމެއް ވެސް އޭނާ ނަގާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!