4 މިނިސްޓަރަކާއި އޮންލައިންކޮށް މަޖިލީހުގެ ކޮމިޓީން ބައްދަލުކުރަނީ

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވާތީ ސަރުކާރުން ތައާރަފު ކޮށްފައިވާ ޕެކޭޖާ ގުޅުން ހުރި މައުލޫމާތުތައް ސާފުކޮށް ދިރާސާ ކުރުމުގެ ގޮތުން ކަމާ ގުޅޭ ހަތަރު މިނިސްޓަރަކާ އެކު މަޝްވަރާ ކުރުމުގެ ގޮތުން އެ މިނިސްޓަރުންނާ އެކު އޮންލައިންކޮށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެންބަރުން ބައްދަލު ކުރުމަށް ފާސްކޮށްފި އެވެ.

އިކޮނޮމިކް ޕެކޭޖްގެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ބައެއް ކޮމިޓީތަކުން ވަނީ އިއްޔެ ފަށައިފަ އެވެ. އެ ގޮތުން ޕެކޭޖްގައި ހިމެނޭ އިގްތިސާދީ ކޮމިޓީއާ ގުޅޭ 17 ނުކުތާއެއް އެ ކޮމިޓީން ދިރާސާ ކުރުމުގެ މަސައްކަތް އިއްޔެ ފެށި އެވެ. އެ ނުކުތާތައް ދިރާސާކުރުމުގެ ގޮތުން ވެބް ކޮންފެރެންސް މެދުވެރިކޮށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ.

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވީ ކޮމިޓީން ދިރާސާ ކުރާ 17 ނުކުތާގެ މައުލޫމާތުތައް އެއާ ގުޅުން ހުރި ހަތަރު މިނިސްޓްރީން ލިއުމުން ހޯދުމަށެވެ. އެއީ އިކޮނޮމިކް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ އެވެ.

މީގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހުށަހެޅުއްވީ ކަމާ ގުޅުން ހުރި ހަތަރު މިނިސްޓްރީން ލިއުމުން މައުލޫމާތު ހޯދުމަށް ފަހުގައި ޕެކޭޖާ ގުޅިގެން ކޮމިޓީން ދިރާސާ ކުރާ 17 ނުކުތާއާ ގުޅޭ ގޮތުން ވެބް ކޮންފެރެންސް މެދުވެރިކޮށް އެ ހަތަރު މިނިސްޓްރީގެ މިނިސްޓަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށެވެ.

އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

މަޖިލީހުގެ ގަވާާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮމިޓީއަކަށް ކަމާ ގުޅޭ މުއައްސަސާއެއްގެ ބޭފުޅުން ހާޒިރު ކުރާއިރު ފަސް ދުވަހުގެ މުއްދަތުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. އެހެންވިޔަސް ދިމާވެފައިވާ ހާއްސަ ހާލަތާ ގުޅިގެން މިނިސްޓަރުންނަށް ބައްދަލު ކުރެވޭން އޮތް އެންމެ އަވަސް ތާރީހެއްގައި ބައްދަލުވުން ހަމަޖައްސަން މަސައްކަތް ކުރުމަށް ކޮމިޓީން ނިންމި އެވެ.

ސަރުކާރުން ތައާރަފު ކޮށްފައިވާ 2.5 ބިލިއަން ރުފިޔާ އިކޮނޮމިކް ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ފެންނަ ކަންކަން ކަނޑައެޅުމާ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި ނުކުތާތައް އެއާ ގުޅުން ހުރި މަޖިލީހުގެ ކޮމިޓީތަކުން ދިރާސާ ކުރުމަށް ވަނީ ނިންމައިފަ އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް މިދިޔަ ހަފުތާގެ ތިން ދުވަހަކު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ ބަހުސްގައި މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 72 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ 19 ވަނަ މަޖިލީހުގައި އެންމެ ގިނަ އަދަދެއްގެ މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!