ފޮޓޯ: ގޫގުލް

ކައުންސިލް އިންތިހާބު ލަސް ކުރުމުގެ ބިލް މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ އެކު، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މިމަހު ބާއްވަން ކުރިން ނިންމި ކައުންސިލް އިންތިޚާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާތީ އެވެ. އެކަމަކު ގާނޫނީ ގޮތުން އެ އިންތިޚާބު އެންމެ ލަސްވެގެން ބާއްވަންޖެހޭ މުއްދަތު އަންނަ މަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ޚާއްސަ ބިލެއް ހުށަހަޅާނެ ކަން ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު، އެކަމާ ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ވެސް މާދަމާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ބިލް އޮތްގޮތުން ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭނީ އާންމު ސިއްހަތުގެ ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ. އެކަމަކު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށާއި އަދިި އިންތިޚާބާ ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު އުވާލެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅީ އާ ކައުންސިލް މެމްބަރުން އިންތިޚާބުކޮށް، އެ މަގާމާ ހަވާލުވެވެން ދެން މިހާރު ތިބި ކައުންސިލް މެމްބަރުން މަގާމުގައި ދެމި ތިބޭ ގޮތަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!