ފޮޓޯ؛ ގޫގުލް

ސަރުކާރުން ކުލި ކޮންޓްރޯލްކޮށްދިނުމަށް މެމްބަރު އަލީ ހުސައިން ގޮވައިލައިފި

ފިޔާ އަލުވި ބިސް އަދި ޓެކްސީގެ އަގު ކޮންޓްރޯލްކުރާ ގޮތަށް، ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި ވެސް ސަރުކާރުން ކޮންޓްރޯލްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގެ ކުލި ކުޑަކުރުމުގެ ބަހުސް އާންމުންގެ ތެރޭގައި ވަނީ ފެށިފަ އެވެ. އަދި ސަރުކާރުން މިއަދު ވަނީ އަގުބޮޑުކޮށް ފިޔާ އަލުވި އަދި ބިހުގެ ކޮންޓްރޯލް އަގުތަކެއް ވެސް އިއުލާންކޮށްފަ އެވެ.

މިކަންކަމަށް ރިއާޔަތްކޮށް މެމްބަރު އަލީ ހުސައިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ފިޔާ އަލުވި ބިސް އަދި ޓެކްސީގެ އަގު ކޮންޓްރޯލް ކުރެވޭ ފަދައިން ގޭ ކުލި ވެސް ސަރުކާރުން ކޮންޓްރޯލްކުރަން ޖެހޭ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ސަރުކާރުން ބޭނުންވެއްޖެ ހާލަތައްގައި ބޭނުން އެއްޗެއްގެ އަގު ކޮންޓްރޯލް ކުރެވޭކަން ސަރުކާރުން ސާބިތުކޮށްދީފައިވާ ކަމަށެވެ. ފިޔާ، ބިސް އަދި އަލުވީގެ އަގު ކޮންޓްރޯލް ކުރުމުން ވެސް މިކަން ހާމަވެގެންދާ ކަމަށް ވިދާޅުވި އެވެ. އަދި ކުލީގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން މި ވަގުތު ދަތި ނަމަ ވަގުތީގޮތުން ނަމަވެސް އެހައްލު ގެންނަން ޖެހޭ ކަމަށާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް އެކަން އެހެން ކޮށްފައިވާތަން ފެންނަން އެބަހުރި ކަމަށް ވިދާޅުވި އެވެ.

“ސަރުކާރުން ބޭނުންވީމަ ބޭނުން އެއްޗެއް ކޮންޓްރޯލް ކުރެވޭކަން އެބަ އިނގޭ، ބިހާއި އަލުވި އާއި އެއްޗިހި ވެސް އެ ކޮންޓްރޯލްކުރީ، ޓެކްސީގެ އަގުތައް ހިފަހައްޓާއިރު ވެސް ބަލަނީ ޑިމާންޑް ސަޕްލައިއަކަށް ނޫން، އެކަށީގެންވާ އަގަކަށް، ދެން އަދި ބޯހިޔާވަހިކަން ފަދަ އަސާސީ ހައްގަކާ ހަމައަށް އައިމަ ޑިމާންޑް ސަޕްލައިއަށް ބަލަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ،” އަލީ ހުސައިން ވިދާޅުވި އެވެ.

ގޭ ކުލީގެ މައްސަލަ ބޮޑުވެފައިވަނީ މިކަންކަން އެއްވެސް މިންވަރަކަށް މޮނިޓާ ނުކޮށް ދޫކޮށްލާފައިވާތީކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މާލޭގައި ވެސް އަދި އަތޮޅު ތެރޭގައި ވެސް އަމިއްލަ ބިމެއްގައި ތަނެއް އަޅައި އެތަނެއް ކުއްޔަށް ދޭނަމަ ކައުންސިލްގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. އަދި މިކަންކަން މޮނިޓާ ކުރުމަށް ގާނޫނީ އުމުގެ ތެރެއިން ޖާގަ ލިބޭ ކަމަށާއި ކުލީގެ މައްސަލަ ހައްލުކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކަމަކަށް މިކަން ރަނގަޅަށް މޮނިޓާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!