ފޮޓޯ: ސީއެންއެމް

ހާލުގައި ޖެހުނު ހުރިހާ ދިވެހިން ގެންނަން ސަރުކާރުން މަސަައްކަތް ކުރާނެ

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ގޮންޖެހުންތަކެއް ހުރި ނަމަވެސް އެއީ ސަރުކާރުން ދޫކޮށްލާނެ މަސައްކަތެއް ނޫން ކަމަށް ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފުރަތަމަ ދުވަހުން ވެސް ބުނަމުން އަންނަ ކަމަށާއި އެ މީހުން ބިރުވެރިކަމުގެ ތެރޭގައި ތިބެން ދޫ ނުކުރާނެ ކަމަށެވެ. ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިންގައި ތިބި ބައެއް ދިވެހިން ގެނެވޭނެ އިންތިޒާމް އިއްޔެ ހަމަޖެހުމަކީ އެ މަސައްކަތުގައި ލިބުނު އެއް ކާމިޔާބީ ކަމަށް އޭނާ ވިދާޅުވި އެވެ.

“ބާކީ ހުރި ގައުމުތަކުުން ވެސް އަދި މި ގައުމުތަކުގައި[ލަންކާ އާއި އިންޑިއާގައި] އިތުރަށް ތިބި މީހުން ވެސް ހަމަ އަޅުގަނޑުމެންނަށް ޖާގަ ލިބޭ ވަރަކުން ގެނައުމުގެ މަސަައްކަތް ކުރަމުން ދާނަން،” ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެކި ގައުމުތަކުން އެޅި މައިގަނޑު އެއް ފިޔަވަޅަކީ ދަތުރުފަތުރު ހުއްޓާލައި އެ ގައުމެއްގެ ވައިގެ ސަަރަހައްދު ބަންދުކުރުމެވެ. އެހެންވެ، އެކި ގައުމުތަކުގައި އަމިއްލަ ގައުމަށް ނުދެވި ގިނަ ބަޔަކު އެބަތިއްބެވެ. އެކަމުގައި ދަތިކަން އޮތް މިންވަރު ސިފަ ކޮށްދެއްވަން މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ގިނަ ޓޫރިސްޓުންނަކީ އެ މީހުންގެ ގައުމަށް އެނބުރި ނުދެވިފައި ތިބި މީހުން ކަމަށެވެ.

އަދި ޖާގަ ލިބޭ މިންވަރަކުން އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ވެސް ގެންނަން މަސައްކަތް ކުރާނެކަން ފާހަގަކުރައްވަމުން މަބްރޫކް ވަނީ ރާއްޖެއެކޭ އެއްގޮތަށް ގައުމުން ބޭރުގައި ތިބި އެންމެން ގެނައުމަށް އެހެން ގައުމުތަކަށް ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ކުޑަ ގައުމަކަށް ރާއްޖެވީ ނަމަވެސް ކަންކަން ހަމަޖެހިގެންދަނީ ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވުމުން ކަމަށެވެ.

“ދަތި ހާލު ޖެހިފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތަކީ އަޅުގަނޑުމެން ދޫކޮށްލާނެ މަސައްކަތެއް ނޫން. ފެށުނީއްސުރެ މި ދައްކާ ވާހަކައަކީ މިކަމުގައި ހަރަދުކުރަން އޮތް ލާރިއެއް ހަރަދުކުރަނީ، ކުރަންޖެހުނު ހުރިހާ ކަމެއް މިކުރަނީ ދިވެހި ރައްޔިތުންނަށްޓަކާ. އެކަން ހަމަ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރަމުންދާނެ” މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން މަބްރޫކް ވަނީ މިފަދަ ކަންކަމުގައި ވެސް ޔަގީން ނުވާ ވާހަކަތައް ދެއްކުން މަދުކޮށްލަން އިލްތިމާސްކުރައްވާފައެވެ. އެގޮތުން ރާއްޖެ އާދެވޭނެ ކަމަށް ބަޔަކަ އުއްމީދެއް ދިނުމަށްފަހު އެ ފުނޑުފުނޑު ވުމުން ދެން ވެގެންދާ ގޮތް މާ ގޯސްކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!