ވަޒީފާއާ ގުޅޭ 677 މައްސަލައެއް ހުށަހަޅާފައިވޭ

ވަޒީފާއާ ގުޅޭ އެކިއެކި މައްސަލަތަކުގައި ރިޕޯޓުކުރާ މިންވަރު އިތުރު ކަމަށާއި، މިހާތަނަށް 677 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރިސޯޓުތަކާއި އެހެން ވެސް ވަޒީފާތަކުން ވަކިކުރެވޭ މީހުން ވަޒީފާތަކުން ވަކިކުރިކަން ސަރުކާރަށް އެންގުމަށްޓަކައި ޤާއިމުކުރި ޖޮބް ސެންޓަރ ރަޖިސްޓްރީ ކުރާ މިންވަރު އިތުރު ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް 677 މީހަކު ޖޮބް ސެންޓަރުގައި ރަޖިސްޓަރ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އީމެއިލްތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެންއީއޯސީ ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 94 އިންސައްތަ އީމެއިލްއަށް ޖަވާބު ފޮނުވަމުންދާ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ރައްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އިޤުތިޞާދީ ޙަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާ މިދަނޑިވަޅުގައި، ރާއްޖެއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ.

އެގޮތުން ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!