މި ދެމަފިރިން ކޮރޯނާވައިރަސް ޖެހިގެން މަރުވީ އެކުއެކީގަ

51 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު އެމެރިކާގެ ދެމަފިރިންނަށް ކޮވިޑް-19 ޖެހިގެން ދުނިޔެ ދޫކޮށްފައިވަނީ އެއް ދުވަހެއްގައި، އެއް ކޮޓަރިއެއްގައި ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ. އަދި ދެމީހުން މަރުވި އިރު އުޅޭނީ އެންމެ 6 މިނިޓުގެ ތަފާތެއް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވެއެވެ.

ފްލޮރިޑާގައި ދިރިއުޅެމުންދިޔަ 74 އަހަރުގެ ސްޓުއާޓް ބޭކަރ އާއި 72 އަހަރުގެ އެޑްރިއަން ބޭކަރ މަރުވެފައިވަނީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހެވެ. އަދި މި ދެމަފިރިންނަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީވެސް ވަރަށް ފަހުން ކަމަށްވެއެވެ. އެގޮތުން، ސިއްޙަތު ރަނގަޅަށް ތިބެފައި ކުއްލިއަކަށް ބަލިވެގެން ހޮސްޕިޓަލަށް ދިޔައީ މާޗު މަހުގެ މެދު ތެރޭގައި ކަމަށް އެދެމީހުން ފިރިހެން ދަރިފުޅު ބަޑީ ބޭކަރ ބުންޏެވެ.

ބަޑީ ބޭކަރ ސީއެންއެން އަށް ފޯނުން ދިން އިންޓަވިއުއެއްގައި އިތުރަށް ކިޔައިދިން ގޮތުގައި، އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކަން ދިޔުމުން ވަނީ ގިނަ އިރުތަކެއް ނުވެ ގެޔަށް ފޮނުވާލާފައެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އެއްގޮތަކަށް ވެސް ރަނގަޅު ނުވެގެން ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ދިޔުމުންވެސް ފޮނުވާލާފައިވަނީ، ގޭގައި ކަރަންޓީނުގައި ތިބުމަށް ދެމަފިރިންނަށް އިރުޝާދުދީފައެވެ.

ހަމައެހެންމެ، އަނެއްކާވެސް އޭގެ ދުވަސްކޮޅެއް ފަހުން ބަޑީގެ ބައްޕަ، ސްޓުއާޓް ހުން އައިސް ނޭވާ ހިއްލަން ފެށުމުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައެވެ. އެހެންނަމަވެސް، މަންމަ އެޑްރިއަންގެ ގައިގައި އެކަހަލަ އަލާމާތްތަކެއް ނެތުމުން ވަނީ ގެއަށް ފޮނުވާލައިފައި ކަމަށް ބަޑީ ބުންޏެވެ. އަދި އޭގެ 48 ގަޑިއިރު ފަހުން ސްޓުއާޓްގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން އައިސީޔޫއަށް ބަދަލުކުރިއެވެ. އެއާއެކު، ގޭގައި ހުރި ސްޓުއާޓުގެ އަންހެނުންނަށް އެ ޚަބަރު ލިބުމުން، ވިސްނާ ފިކުރުކުރަން ފެށި ކަމަށް ބަޑީ ބުންޏެވެ. އެހެންނަމަވެސް އޭރުވެސް އެޑްރިއަންގެ ކިބައިން އެއްވެސް ސީރިއަސް އަލާމާތެއް ނުފެނެއެވެ. “އަހަރެމެންނަށް ހިތަށް އެރީ މަންމަގެ ހާލު ދެރަވާން ފެށީ ހޮސްޕިޓަލުގަ އޮތް ބައްޕައާ މެދު ވިސްނަން ފެށުމުންނޭ. އެއީ އެދެމީހުންނަކީ އޭގެ ކުރިން އަބަދުވެސް އެއްކޮށް، އެއްތަނެއްގަ އުޅެމުން އައި ބައެއް. އަދި ކުއްލިއަކަށް ބައްޕައާ ދުރުގަ ހުންނަން ޖެހުނީމަ މަންމަ މާ ބޮޑަށް ފިކުރު ކުރަން ފެށީ”، ބަޑީ ކިޔައިދީފައި ވެއެވެ.

އޭގެ ފަހުން، މާޗު 24 ވަނަ ދުވަހު ހޮސްޕިޓަލުން ކުރި ފޯނު ކޯލަކުން އެންގީ، ސްޓުއާޓަށް ކޮވިޑް-19 ޖެހިފައިވާކަމާއި، ފުރާނަ ސަލާމަތްވާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތް ވާހަކައެވެ. އެއާއެކު، ބަޑީއަށާއި އޭނާގެ ދައްތައަށް ބޮޑު ސިޙުމެއް ލިބުނު ކަމުގައި ވިޔަސް، މަންމަ އެޑްރިއަން އަށް އެވާހަކަ ނާންގައި، ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ބުންޏެވެ. އެމީހުން ބޭނުންވީ މަންމައަށް ވައިރަސް ޖެހިފައި ހުރިތޯ ވީހާވެސް އަވަހަށް ޓެސްޓު ކުރާށެވެ. އަދި މަންމަ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓު ކުރިތާ 45 މިނިޓު ފަހުން ޑޮކްޓަރު ގުޅާފައި އެންގީ، މަންމަގެ އޮކްސިޖަން ލެވެލް ދަށްވަމުން ދާ ކަމާއި، މަންމަވެސް ސަލާމަތްވުމުގެ އުއްމީދެއް ނެތް ކަމަށެވެ. އެއާއެކު، ބަޑީ ބޭނުންވީ މަންމައާއި ބައްޕަ އެއް ކޮޓަރިއަކަށް ލައި، ފަރުވާދޭން ފެށުމަށެވެ. އަދި އެކަން އެގޮތަށް ވުމާއެކު، އޭގެ ދުވަސްކޮޅެއް ފަހުން ވެންޓިލޭޓަރުން ނެގުމުން، ދެމަފިރިން މަރުވެފައި ވަނީ އެކުއެކީގައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވެއެވެ.

“އެއީ ލޯބީގެ ލާމަސީލު މިސާލެއް. ލޯބިން އެކީގައި އުޅެފައި، މަރުވެގެން އެދިޔައީ ވެސް އެކުއެކީގަ”، އެ ހާދިސާ ސިފަކޮށްދެމުން ބަޑީ ކިޔައިދިނެވެ. އެއާއެކު، ބަޑީ އެންމެންގެ ކިބައިން އެދުނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން، ކޮރޯނާވައިރަހުން ސަލާމަތްވެގެން ތިބުމަށެވެ. އަދި އާއިލާ ނުވަތަ ގާތް މީހަކަށް އެ ބަލި ނުޖެހޭތޯ ދުޢާ ކުރުމަށް ބުންޏެވެ. “މިއީ ކިހާވަރެއްގެ ވޭންހުރި ކަމެއް ކަން އެނގޭނީ އެމީހަކަށް ނޫނީ، އެމީހެއް ލޯބިވާ މީހަކަށް މިކަން ދިމާވީމަ”، ބަޑީ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!