އިޓަލީގައި ފިރިހެނަކު، އޭނާގެ ލޯބިވެރިޔާގެ ފަރާތުން ކޮރޯނާވައިރަސް ޖެހުން ކަމަށް ޝައްކުކޮށް، ދަންޖައްސައި ލޯބިވެރިޔާ މަރާލައިފިއެވެ. މީގެ ދުވަސްކޮޅެއް ކުރިން ހިނގި މި ހާދިސާގައި މަރުވެފައިވަނީ ޑޮކްޓަރަކަށް ވާން ކިޔަވަމުންދިޔަ، އުމުރުން 27 އަހަރުގެ ލޮރޭނާ ކުއަރަންތާއެވެ.
ލޮރޭނާ އަކީ، އިޓަލީގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުން އަރައިގަތުމަށް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ މަރުވުމުގެ ދުވަސްކޮޅެއް ކުރިން ވަނީ އޭނާގެ ރައްޓެހިންގެ ކިބައިން، ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ “ހަނގުރާމައިގައި” ބައިވެރިވުމަށް ހިތްވަރުދޭ ފޭސްބުކު ޕޯސްޓެއް ވެސް ލިޔެފައެވެ. އެގޮތުން، އެންމެންވެސް ގޭގައި މަޑުކޮށް، އިތުރު މީހަކަށް ވައިރަސް ނުޖެހި ވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އެ ޕޯސްޓުގައި ގޮވާލައިފައި ވެއެވެ.
އެހެންނަމަވެސް ލޮރޭނާގެ ކިބައިން ކޮރޯނާވައިރަސް ޖެހުން ކަމަށް ޝައްކު ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާގެ ލޯބިވެރިޔާ އެންޓޯނިއޯ ޑީ ޕޭސް ކިޔައިދީފައެއް ނުވެއެވެ. އަދި ފުލުހުންނަށް އެތަނަށް ދެވުނު އިރު، އެންޓޯނިއޯ އިނީ އަތުގެ ނާރުތަކުގައި ތޫނު އެއްޗަކުން އަޅައި، އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމާއެކު ވަނީ ފުރާނަ ސަލާމަތް ކުރެވިފައެވެ. އެއަށްފަހު ފުލުހުން ކުރި ތަހުޤީޤުގައި އެންޓޯނިއޯ ބުނީ، ލޮރޭނާގެ ކިބައިން އޭނާއަށް ކޮރޯނާވައިރަސް ޖެހުމުން، އެކަމުގެ ރުޅީގައި ލޮރޭނާ މަރައިލީ ކަމަށެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، ލޮރޭނާގެ ހަށިގަނޑު ފަހުން ޓެސްޓު ކޮށްގެން ބެލި ބެލުމުގައި ކޮރޯނާވައިރަހުގެ އަސަރެއް ފެންނަން ނެތްކަމެވެ. އަދި އެންޓޯނިއޯގެ ޓެސްޓުގެ ނަތީޖާވެސް ނެގަޓިވު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން، އެންޓޯނިއޯ އޭނާގެ ލޯބިވެރިޔާ މަރައިލި ކަމަށް ބުނާ ސަބަބަކީ ތެދެއް ކަމެއް ކަށަވަރެއް ނޫނެވެ.
ލޮރޭނާ ޑޮކްޓަރުކަން ކިޔަވަމުންދިޔަ ޔުނިވާސިޓީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، އެތަނުގެ ދަރިވަރު މަރައިލި ކަމުގެ ކުށުގައި އެންޓޯނިއާއަށް ލިބެން ޖެހޭ ޙައްޤު އަދަބު ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އިޓަލީއަކީ ކޮރޯނާވައިރަހުގެ ވަބާ އެންމެ ބޮޑަށް ޖެހިފައި އޮތް އެއް ޤައުމެވެ. އެ ޤައުމުގައި ވައިރަސް ޖެހިގެން މިހާތަނަށް 1 ލައްކައަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވާއިރު، މަރުވި މީހުންގެ އަދަދު 15،000 އަށްވުރެ މައްޗަށް އަރައެވެ.