އަންހެނުން ވިހަން ވައްދާފަ އޮތް އިރު ފިރިމީހާ ހުރީ ކައިރީގަ ޓިކްޓޮކް ކުޅެން

27 އަހަރުގެ ކަރީމް އަންތަރު ނަމަކަށް ކިޔާ މީހަކު، އޭނާގެ އަންހެނުން ބަނޑުގައި ރިއްސައިގަނެގެން ވިހާ ކޮޓަރިއަށް ވައްދާފައި ވަނިކޮށް، ކައިރީގައި ހުރެގެން ޓިކްޓޮކް ވީޑިއޯއަކަށް ނަށަން ހުރި މަންޒަރު އާންމުވެއްޖެއެވެ. ބޭރު ޤައުމެއްގައި ދާދި ފަހުން ހިނގި މި ކަންތައް ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ.

ކަރީމްގެ އަންހެނުން ކްރިސްޓަލް ބުނިގޮތުގައި، އޭނާ ވަރަށް ގަދަޔަށް ބަނޑުގައި ރިއްސައިގަނެގެން އޮއްވައި ފިރިމީހާ ކުއްލިއަކަށް ނަށާ، ވީޑިއޯ ކުރަން ފެށުމުން އެންމެ ފުރަތަމަ ވަރަށް ހައިރާންވި ކަމަށެވެ. އަދި އިންތިހާއަށް ރުޅިއާދެވުނު ކަމަށްވެސް އޭނާ ހާމަކުރިއެވެ. އެހެންނަމަވެސް، އެއީ އަލަތު ދަރިފުޅު ލިބޭތީ ފިރިމީހާ އުފަލުން ގޮސް ކުރި ކަމެއްކަން އެނގުމުން، އެކަން ފަހުން ވީ މަޖާ ކަމަކަށް ކަން ވެސް ކްރިސްޓަލް ކިޔައިދިނެވެ. “ކަރީމް އަކީ އަބަދުވެސް ވަރަށް މަޖާ މިޒާޖެއްގެ، އުފާވެރި މީހެއް”، ފިރިމީހާ ސިފަކޮށްދެމުން ކްރިސްޓަލް ބުންޏެވެ.

ކަރީމްގެ ޓިކްޓޮކް ވީޑިއޯގެ ތެރެއިން

ހަމައެއާއެކު، މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން އަލަތު ދަރިފުޅު ލިބުމުގައި އެއްވެސް އަސަރުތަކެއް ކުރިތޯ ކްރިސްޓަލް ކައިރީގައި ނޫހަކުން ސުވާލު ކުރުމުން ބުނީ، އެކަމާ ހެދި ވަރަށް ހާސްވި ކަމަށެވެ. ސަބަބަކީ، ދަރިފުޅަށް ވައިރަސް ޖެހުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް އޭނާ ބުންޏެވެ. “އަހަރެން ވިހައިގެން އޮއްވައި ވަރަށް ގިނަ ނަރުހުން ވަދެ ނުކުމެ އުޅުން، އެކަމާ އަހަރެން ވަރަށް ހާސްވި. އެކަމަކު ފިރިމީހާ ކައިރީގަ ހުރީތީ އަހަންނަށް ހިތްހަމަޖެހުން ލިބުން”، ކްރިސްޓަލް އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

ޓިކްޓޮކަކީ ތަފާތު ލަވަތަކަށް ނެށުމާއި، އެކްޓު ކުރުމަށް ޙާއްސަ އެޕެކެވެ. އަދި މި އެޕުގެ ނުފޫޒު އޮތީ ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ފޯރާފައެވެ. އެގޮތުން، ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ރާއްޖޭގައި ވަރަށް ގިނައެވެ. އަދި ޓިކްޓޮކް ކުޅުމަކީ މުނިފޫހިފިލުމުގައި ގޮތުގައި އެކި އުމުރުފުރާތަކުގެ މީހުން ކުރަމުން އަންނަ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!