އައިޑީކާޑު ހަދައިދިނުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ހިދުމަތް ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފި އެވެ.
ނޭޝަނަލް ރަޖިސްޓްރޭޝަނުންމިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ހިދުމަތް މެދުކަނޑާލާފައިވާތީ އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މިއިންތިޒާމުގެ ދަށުން އަލަށް އުފަންވާ ކުއްޖެއްނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގް ލައިސަންސް ނުވަތަ މިއަހަރުގެ ޖެނުއަރީ މަގުގެ ފުރަތަމަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ޚިދުމަތް ފޯރުކޮށްދޭން ވަނީ ހަމަޖައްސާފައެވެ. މި ގޮތައް އަމަލުކުރަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ތިރީސްވަނަ ދުވަހުގެ ނިޔަލައްކަމަށްވެސް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުންވަނީ ހާމަކުރައްވާފައެވެ.