ޖަމާއަތުގައި ނަމާދު ކުރުން އޭޕްރީލް 11 އަށް ފަސްކޮށްފި

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމި ނިންމުން އޭޕްރިލް މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ިއތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، މިދިޔަ މަހުގެ 18ވަނަ ދުވަހު މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން، މި މަހުގެ 11 ވަނަ ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް ވެސް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އިރުޝާދު ދީފައެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ” މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް ދަންނަވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!