ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށްފި، ގަވައިދާ ހިލާފުވާ ވިޔަފާރިތައް ޖޫރިމަނާ ކުރަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި ގޮތަށް ބަލައި، ފިޔާ، އަލުވި، ބިސް އަދި މުގުގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން އެ ބާވަތްތައް ވަކިވަކިން ވިއްކޭނީ އެ މިނިސްޓްރީން ކަނޑައަޅާ އަގަކަށެވެ،

މިނިސްޓްރީން އަގު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާ ބާވަތްތަކާއި އޭގެ އަގުތައް:

  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާދައިގެ ފިޔާ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާ
  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާދައިގެ އަލުވި ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާ
  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރީނދޫ މުގު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 45 ރުފިޔާ
  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުދު ކުކުޅު ބިހެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.80 ރުފިޔާ

މިނިސްޓްރީން ބުނީ މި އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން މި ގޮތަށް ނިންމާފައިވާއިރު ބާޒާރުގައި ވަނީ މި ބާވަތްތަކުގެ އަގު އުފުލިފަ އެވެ. އެގޮތުން ފިޔާ ކިލޯއެއް 30 ރުފިޔާ އަށް ހުރި އިރު އަލުވި ކިލޯއެއް ވިއްކަނީ 20 ރުފިޔާ އަށްވުރެ ބޮޑު އަގެއްގައެވެ. އަދި ކުކުޅު ބިހެއްގެ އަގުވެސް އުޅެނީ 2 ރުފިޔާ އަށްވުރެ މަތީގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!