ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ކޮވިޑް-19 އަށް އަނެއްކާ ވެސް ޕޮޒިޓިވް ވެއްޖެ އެވެ.
ޖެހިޖެހިގެން އޭނާ ޓެސްޓް ކުރަމުން ދަނީ ހަށިގަނޑުން މި ވައިރަސް ނައްތާލެވިއްޖެ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް އަންގާރަ ދުވަހު ވެސް ޑޮކްޓަރުން ބުނެފައި ވަނީ ކަނިކާގެ ހަށިގަނޑުގައި އަދިވެސް ވައިރަސް ހުރި ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށެވެ. މިހާރު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަނިކާއަށް ގެޔަށް ދެވޭނީ ދެ ފަހަރު މަތިން އޭނާގެ ނަތީޖާ ނެގެޓިވް ވީމަ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ލަކްނޫގައި ހުންނަ ސަންޖޭ ގާންދީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަންސްގައި މިހާރު އެޑްމިޓްކޮށްފައި އޮތް ކަނިކާގެ ހާލު އާދައިގެ ގޮތަކަށް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުގެ ޑައިރެކްޓަރު ވަނީ ވިދާޅުވެފަ އެވެ.
ޑައިރެކްޓަރު ވިދާޅުވީ ކަނިކާގެ ހާލު ދެރަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެކެވެ. އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.
“ބޭބީ ޑޯލް” ލަވައިން މަޝްހޫރުކަން ހޯދި ކަނިކާ ދަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ހާލަތު ފޭނުންނާ ހިއްސާ ކުރަމުންނެވެ. އޭނާ އެންމެ ފަހުން ބުނެފައި ވަނީ އައިސީޔޫއިން މިހާރު ނެރެފައިވާ ކަމަށާއި ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
އާއިލާ އާއި ދަރިން މަތިން ވަރަށް ހަނދާންވާ ކަމަށާއި އެމީހުން ދެކޭ ހިތްވާ ކަމަށް ވެސް ކަނިކާ ބުންޏެވެ.