ކޮރޯނާވައިރަހުން އަރައިގަތުމަށް މުކޭޝް އަމްބާނީ 66 މިލިއަން ޑޮލަރު ހަދިޔާކުރަނީ

އިންޑިއާގައި ހުރި އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެހީވުމަށްޓަކައި 66.7 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފިކަން އޭނާގެ ފައުންޑޭޝަނުން ޓްވިޓާގައި އިޢުލާނުކޮށްފިއެވެ. އަދި މި ފައިސާ ހަދިޔާކުރަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުވާފައިވާ ކޮރޯނާވައިރަސް އިމަޖަންސީ ފަންޑަށް ކަމަށް ބުނެފައިވެއެވެ.

މިކަން އިޢުލާން ކޮށްފައި މިވަނީ، މީގެ ދުވަސްކޮޅެއް ކުރިން މުކޭޝް އަމްބާނީ އޭނާގެ ގޭގެ އެންމެ މަތީ ފަންގިފިލާގައި ހުރެގެން ސިއްޙީ ޚިދުމަތްތެރިންނަށް ޝުކުރުއަދާކުރުމުގެ ގޮތުން ރަނގަބީލު ޖަހާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އޭނާއަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައެވެ. އެގޮތުން، އިންޑިއާގައި އެންމެން ބައިވެރިވާ ގޮތަށް ބޭއްވި އެ ހަރަކާތުގައި މުކޭޝް ބައިވެރިވެފައި ވާތީ، އޭނާގެ ކިބައިން ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު އެހީއެއް ދެވެން ނެތީތޯ އަހައި، ގިނަބަޔަކު ދިޔައީ މީސްމީޑިއާގައި ފާޑުކިޔަމުންނެވެ. އޭގެތެރެއިން އެއްބަޔަކު ފާހަގަކުރި ގޮތުގައި، ދުނިޔޭގެ އެހެން ބިލިއަނަރުން ވަނީ ކޮރޯނާވައިރަހުން އަރައިގަތުމަށް ބޮޑެތި ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން ބިލް ގޭޓްސް އަދި ޖެކް މާގެ ނަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް މުކޭޝް އަމްބާނީ ފައިސާގެ އެހީވުމަށް ނިންމި މި ނިންމުމަށް މިހާރު އެތައް ބައެއްގެ ތަޢުރީފު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ، އޭނާ ދޭން ނިންމާފައިވާ 66 މިލިއަން ޑޮލަރު (އިންޑިއާގެ 500 ކުރޯރު) އެއީ ޖެކް މާ ހަދިޔާކުރި އަދަދަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.

ވިޔަފާރިވެރިޔާ، މުކޭޝް އަމްބާނީގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 39.3 ބިލިއަން ޑޮލަރު ވެއެވެ. އަދި އަމްބާނީގެ އާއިލާއަކީ އޭޝިއާގައި ހުރި އެންމެ މުއްސަނދި އާއިލާކަމަށް ފޯބްސް މެގެޒިނުން ވަނީ ކަނޑައަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!