އުފަންދުވަސް ފާހަގަކޮށްގެން އެތައް ބަޔަކަށް ކޮރޯނާވައިރަސް ޖެހިއްޖެ

އެމެރިކާގެ ރިޕޯޓަރަކު، އޭނާގެ މަންމަގެ 90 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕާޓީއެއް ބޭއްވުމުން، އޭނާގެ ކިބައިން އެ ޕާޓީއަށް އައި ބަޔަކަށް ކޮރޯނާވައިރަސް ޖެހިއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ނިއު ޔޯކުގެ ރޭޑިއޯއެއްގައި މަސައްކަތްކުރާ އެލިސް ސްޓޮކްޓޮން-ރޮސީނީގެ ފަރާތުން އޭނާގެ މަންމަގެ އުފަންދުވަހުގެ ޕާޓީއަށް އައި 6 މީހުންނަށް މިހާތަނަށް ވަނީ ވައިރަސް ޖެހިފައެވެ.

އެހެންނަމަވެސް، އެލިސްއަށް މީގެ ކުރިން ކޮރޯނާވައިރަސް ޖެހިފައި ހުރިކަން ނޭނގުނީ، އެއްވެސް ކަހަލަ ޢަލާމާތެއް ފެނިފައިނުވާތީ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ސަބަބުން މަންމަގެ އެކުވެރިންތަކަކަށް އެ ނުރައްކާތެރި ބަލި ޖެހިފައިވާތީ، އެކަމާ ވަރަށް ހިތާމަ ކުރާކަމަށް އެލިސް ވަނީ ބުނެފައެވެ. އެންމެ ދެރަވަނީ، ވައިރަސް ޖެހިގެން އެތަނުން ދެމީހަކު މަރުވެފައިވާތީ ކަމަށް އޭނާ ބުންޏެވެ. މަރުވި ދެމީހުންގެ ތެރޭގައި މަންމަގެ އެންމެ ގާތް އެކުވެރިޔާވެސް ހިމެނޭ ކަމަށް ވެއެވެ.

އެލިސްއަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ލަފާކުރެވެނީ، މާޗު މަހުގެ ކުރީކޮޅު، ނިއު ޔޯކުގައި ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ސަރަޙައްދެއްގައި މައިކުން އާންމުންނާ އިންޓަވިއު ކުރަނިކޮށެވެ. ނަމަވެސް އެފަހުން އެއްވެސް ވަރެއްގެ އަލާމާތެއް ފެނިފައިނުވާތީ، މާޗު 8 ވަނަ ދުވަހު މަންމަގެ އުފަންދުވަސް ފާހަގަކުރަން ނިންމީއެވެ. އެހެންނަމަވެސް، އެ ޕާޓީގެ ސަބަބުން، އޭނާއަށް ނޭނގުމެއްގެ ތެރެއިން ވަނީ އިތުރު ބަޔަކަށް ވައިރަސް ފޯރުކޮށްދެވިފައެވެ.

އެލިސް

އެލިސް ބުނަނީ، އެގޮތަށް ކަން ހިނގިޔަސް، އޭނާ އެދުވަހު އިންޓަވިއު ކަވަރު ކުރަން ދެވުނީތީ އެކަމާ ދެރަ ނުވާކަމަށެވެ. ސަބަބަކީ އެއީ އޭނާގެ ވަޒީފާއަށް ވާތީއެވެ. ދެރަވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ދެވުމުން ކަމަށް ބުންޏެވެ. އަދި އެދުވަސް އަނބުރާ ލިބޭ ނަމަ، އޭނާ ދާނީ މާސްކެއް އަޅައިގެން ކަމަށް އެލިސް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!