އިންޑިއާގައި އުފަންވި އެއްމާބަނޑުގެ ދެބެއިންގެ ނަމަކަށް ކޮވިޑް އަދި ކޮރޯނާ

ކޮރޯނާވައިރަހުގެ ސަބަބުން މުޅި އިންޑިއާ ލޮކްޑައުން ކޮށްފައިވަނިކޮށް އުފަންވި އެއްމާބަނޑު ދެބެންގެ ނަމަކަށް “ކޮވިޑް” އަދި “ކޮރޯނާ” ކިޔައިފިއެވެ. ޑެއިލީ މެއިލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެކުދިންނަކީ މާޗު 27 ވަނަ ދުވަހު އިންޑިއާގެ ރައިޕޫރުގެ ހޮސްޕިޓަލަކަށް އުފަންވި ދެކުދިންނެވެ.

“އަހަރެން ދެކޭ ގޮތުގައި އެ ނަންތައް ރަމްޒު ކޮށްދެނީ މުސީބާތްތަކުގައި ލިބޭ އުފާވެރިކަން ނުވަތަ ކާމިޔާބު”، އެދެކުދިންގެ މަންމަ، ޕްރީތީ ވަރުމާ އިންޑިއާގެ ނޫހަކަށް ކިޔައިދިނެވެ. އަދި ކޮވިޑް-19 ވައިރަހަކީ ކިހާ ނުރައްކާތެރި އެއްޗެއް ކަން އެނގޭ ކަމަށާއި، ނަމަވެސް އޭގެ ސަބަބުން ގިނަބަޔަކަށް ރަނގަޅު އާދަކަށް މަގުފަހި ކޮށްދީފި ކަމަށް ވަރުމާގެ ދެމަފިރިން ބުންޏެވެ. ދެ ޖިންސުގެ ދެކުދިންނަށް އެ ނަންތައް ކިއީ އެ ސަބަބާހެދި ކަމަށް އެމީހުން ބުންޏެވެ.

ވަރުމާގެ ދެމަފިރިން ކިޔައިދިން ގޮތުގައި، ޕްރީތީ ކުއްލިއަކަށް ދަންވަރު ބަނޑުގައި ރިއްސަން ފެށުމުން، އެމްބިއުލަންސެއް ހޯދުނީ ވަރަށް އުނދަގުލުންނެވެ. އަދި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، ވަރަށް ގިނަ ފުލުހުން މަގުމަތިން ހުއްޓުވި ކަމަށް ބުންޏެވެ. އެހެންނަމަވެސް ޕްރީތީގެ ޙާލަތު ފެނިފައި، ދޫކޮށްލީއެވެ. އަދި ހޮސްޕިޓަލަށް ދެވުނު އިރު، ޕްރީތީ ހުރީ ވަރަށް ހާސްވެފައި ކަމަށާއި، ނަމަވެސް އެތަނުގެ ހުރިހާ މުވައްޒަފުން ވަރަށް ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިން ކަމަށް ކިޔައިދިނެވެ. އެހެންނަމަވެސް، ލޮކްޑައުންގެ ސަބަބުން އިންޑިއާގައި  ދަތުރުފަތުރުގެ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައިވާތީ، އެމީހުންގެ އާއިލާ މީހުންނަށް ޒިޔާރާތްކުރާކަށް ނާދެވުނެވެ.

ކޮންމެއަކަސް، “ކޮރޯނާ” އަދި “ކޮވިޑް”ގެ މައިންބަފައިން ބުނަނީ، ފަހުން އެދެކުދިންގެ ނަން ބަދަލު ކުރުމަކީ ވެދާނެ ކަމެއް ކަމަށެވެ.

އިންޑިއާގައި ކޮރޮނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މުޅި ޤައުމު ލޮކްޑައުން ކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހެވެ. އަދި މި ލޮކްޑައުންގެ މުއްދަތަކީ 21 ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!