ވާހަކަދެއްކުމުން ވެސް ކޮވިޑް19 ފެތުރިދާނެ ކަމަށް ވައިޓް ހައުސްއަށް އިރުޝާދުދީފި

ކޮރޯނާވައިރަހަކީ ހަމައެކަނި ކެއްސާ ކިނބިހި އެޅުމުން ފެތުރޭ އެއްޗެއް ނޫން ކަމަށާއި، އެ ވައިރަސް ޖެހިފައި ހުރި މީހެއް ވާހަކަ ދައްކައި، ނޭވާލުމުން ވެސް ފެތުރިދާނެ ކަމަށް ދިރާސާއިން ދައްކާ ކަމަށް ސައިންސްވެރިންގެ ޓީމަކުން އެމެރިކާގެ ވައިޓް ހައުސްއަށް ލަފާދީފިއެވެ.  

“ކޮރޯނާވައިރަހާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ ދިރާސާ މަދު ނަމަވެސް، ފެންނަން ހުރި ދިރާސާތަކުން ދައްކަނީ ނޭވާލުމުން ވެސް ވައިރަސް ފެތުރޭ ކަމަށް” އެމެރިކާގެ ނެޝަނަލް އެކެޑަމީ އޮފް ސައިންސަސް ކޮމިޓީގެ ޗެއާމަން، ޑރ ހާވީ ފައިންބާރގް ވައިޓް ހައުސްއަށް ފޮނުވި ސިޓީގައި ލިޔެފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކުރެއެވެ.

މި ސިޓީ ފޮނުވާފައި މިވަނީ، ކެއްސުމާއި ކިނބިހިން ނޫން ގޮތަކަށް ކޮރޯނާވައިރަސް ފެތުރިދާނެތޯ ވައިޓް ހައުސުން، އެކަމުގެ ތަޖުރިބާކާރުންނާ ސުވާލު ކޮށްފައިވާތީއެވެ. މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި އިތުރަށް ލިޔެފައިވާ ގޮތުގައި، ވައިގެ ޒަރިއްޔާއިން ކޮރޯނާވައިރަސް ފެތުރިދާނެ ކަމުގެ ނިޝާންތައް ވެސް ބައެއް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، އެންމެ އެކަށީގެންވާ ގޮތަށް ހެދުން އަޅައި، މާސްކުގެ ބޭނުން ކުރުމަށް ލަފާދީފައިވެއެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ، މާސްކު އެޅުމަށް އާންމުންނަށް ބާރުއަޅަން މަޝްވަރާކުރަމުންދާ ކަމަށް ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކު ފޯހުގައި ހިމެނިވަޑައިގަންނަވާ މުޙިއްމު ފަރާތެއް ކަމަށްވާ، ޑރ. އެންތޮނީ ފައުޗީ ވަނީ މިދިޔަ އަންގާރަ ދުވަހު ސީއެންއެން އަށް ހާމަކޮށްފައެވެ.

މީގެ އިތުރުން، ޑރ. ފައިންބާރގް ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ވެސް މީގެފަހުން ޒަރޫރީ ކަންކަމަށް ބޭރަށް ނުކުންނައިރު (ޙާއްސަކޮށް ގްރޮސަރީ ސްޓޯރ ތަކަށް) މާސް އަޅާނެ ކަމަށެވެ. އެހެންނަމަވެސް، ސާޖަރީ މާސްކުގެ ބަދަލުގައި އަޅާނީ އާދައިގެ މާސްކު ކަމަށް ބުނެފައިވެއެވެ. ސަބަބަކީ، ސާޖަރީ މާސްކު ލިބުން ދަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭނީ ސިއްޙީ ޚިދުމަތްތެރިންނަށް ކަމަށް ވާތީއެވެ.

ކޮރޯނާވައިރަސްގެ 2 ލައްކައަށްވުރެ ގިނަ ކޭސް މިހާތަނަށް ވަނީ އެމެރިކާއިން ރިޕޯޓުކޮށްފައެވެ. އަދި އެ ބަލިން މަރުވެފައިވާ މީހުންގެ އަދަދު އެ ޤައުމުގައި އުޅެނީ 6000 އަށްވުރެ މަތީގައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!