ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ބައެއް މީހުން މާދަމާ ދޫކޮށްލުމަށް ނިންމައިފިއެވެ.
ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 49 މީހެއްގެ ޓެސްޓު މިހާރު ހެދިފައިވާ ކަމަށާއި އެ ޓެސްޓުތައް ނެގެޓިވް ވެއްޖެނަމަ އެ ފަރާތްތައް މާދަމާ ދޫކޮށްލާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގައި ޤާއިމްކޮށްފައިވާ ފެސިލިޓީތަކުގައި އެކި ޤައުމުތަކުން އައިސްތިބި 881 މީހުންގެ ތެރެއިން ބަޔަކު މާދަމާ ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށެވެ.
“މާދަމާ ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައިތިބި ބަޔަކު ދޫކޮށްލެވޭނެ. 49 މީހެއްގެ ޓެސްޓް މިހާރުވަނީ ހެދިފައި. އަދި އޭގެތެރެއިން ޓެސްޓްތައް ﷲގެ އިރާދަފުޅުން ނެގެޓިވްވެއްޖެނަމަ އެމީހުން ދޫކޮށްލާނެ” މަބްރޫކް ވިދާޅުވިއެވެ.
މާދަމާ ކަރަންޓީނުން ދޫކޮށްލާއިރު އެމީހުން ބަލައި އެކަކަށްވުރެ ގިނަމީހުން ނުދިއުމަކީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ވަރަށްބޮޑު އިލްތިމާސެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.