ދިގު މުއްދަތައް ރިސޯޓު ކުއްޔަށް ދިނުމަކީ ރަނގަޅުކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޕީ ހުސެއިން ވިދާޅުވީ ގައުމަށް ދިމާވާ އެކި ހާލަތުގައި ރިސޯޓުތަކުގެ ވެރިންނަށް އެހީތެރިކަން ލިބިގެން ނުދާ ކަމަށާއި އެފަދަ ފަރާތްތަކަށް ދިގު މުއްދަތަކަށް ރިސޯޓުތައް ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.
“އެބޭފުޅުންނަށް މެނޭޖު ކުރެވެން އޮތްކަމެއްގަ ޒިންމާދާރުކަން ކުޑަ ގޮތަކަށް ރިސޯޓު ވިޔަފާރިވެރިން މިކަންތައް ކުރަމުންދާތަން އަޅުގަނޑަށް ފާހަގަކުރެވެނީ. އެއީ ކުރީގަ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވެރިކަމުގަ 30 އަހަރަށް މިއީ ލީސް ޕީރިއަޑު އޮވެފަ ނުވަތަ 25 އަހަރަށް ތިބި ލީސް ޕީރިއަޑު ގޮސް 50 އަހަރަށް ބަދަލުވެފަ އަދި އޭގެ ފަހުން ގޮސް މިހާރު 99 އަހަރަށް އެބޭފުޅުންނަށް އެރަށް ހިބައިން އަނެއްހެން ބުނަންޏާ ދެވިފަ އޮންނަނީ. 100 ވަރަކަށް އަހަރުގެ ދިގު މުއްދަތަކަށް ރަށްތައް އޮންނަނީ ލިބިފަ،” ހުސެއިން މުހައްމަދު ވިދާޅުވި އެވެ.
އަދި އެ ވިޔަފާރުވެރިން ކުރިޔަށް ދިއުމަށް އެންމެ އެހީތެރިވާ މަސައްކަތްތެރިންގެ އަގު ވަޒަންނުކުރާއިރު އެފަދަ ފަރާތްތަކަށް ލާބަޔާ މަންފާ ހޯދަން ފުރުސަތުދީގެން ނުވާނެކަން ހުސެއިން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ހުސެއިން ވިދާޅުވީ، ރިސޯޓަކަށް 12 އަަހުރު ތެރޭގައި ކުރާ އިންވެސްޓުމެންޓު ކަވާކުރެވޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގާނުނުތަކަށް ބަދަލު ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.