ރާއްޖެ އަށް 7.3 މިލިއަން ޑޮލަރު ވޯލްޑް ބޭންކުން ދޭނީ

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް ހިންގާ 7.3 މިލިއަން ޑޮލަރު (112.5 މިލިއަން ރުފިޔާ)ގެ “މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް” ވޯލްޑް ބޭންކުން އިއްޔެ ފާސްކޮށްފި އެވެ.

މި ޕްރޮޖެކްޓް ވޯލްޑް ބޭންކުގެ ބޯޑުން ފާސްކުރުމުގެ އިތުރުން ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށް ރާއްޖެއާ އެކު މިދިޔަ އަހަރު ސޮއިކޮށްފައިވާ ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އެ ކެޓަސްޓޮރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޑް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ގެ އެހީ ދޭން ވެސް ވަނީ ނިންމައިފަ އެވެ.

މި ދެ އެހީގެ ޖުމްލަ 266.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އަވަސް އެހީގެ ގޮތުގައި ދޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖްގެ ދަށުން، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހޭ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމާއި ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އާލާތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ހޯދުމާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވާ ހާލަތްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ކަށަވަރުކުރުމަށް އެ ތަންތަނަށް އެހީވުމާއި ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް ޓެސްޓްކުރުމުގެ ގާބިލްކަން މާލެ އާއި އަތޮޅުތަކުގެ ލެބޯޓަރީތަކުގައި ގާއިމުކުރުމާއި މި ބަލީގެ މީހުންނަށް ފަރުވާ ދޭ މީހުން ތަމްރީނުކުރުމަށް އެހީވުން ހިމެނެ އެވެ.

މީގެ އިތުރުން، މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށް ވާތީ ކޮރޯނާވައިރަސް ފެތުރިގެން ދިއުމުގެ ބިރު ބޮޑުކަމުން ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ޕްރޮޖެކްޓުގެ ދަށުން އެހީ ލިބޭނެ އެވެ.

އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމަށް ވެސް މި އެހީގެ ބޭނުން ހިފޭނެ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ވޯލްޑު ބޭންކުގެ ހާއްސަ ގޮފި، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ.

އަދި އެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ބޭންކުން ރާއްޖޭގައި މިހާރު ވެސް ހިންގަމުންދާ މަޝްރޫއުތަކުގެ އެހީތެރިކަމާއެކު ހެލްތު މިނިސްޓްރީންނެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!