އިންޑިއާގައި ތިބި ދިވެހިން ގެންނަން އަދި އަލިމަގެއް ނުފެނޭ

އަވަށްޓެރި އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އަދިވެސް އަލި މަގެއް ނުފެންނަ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށް މުޅި ގައުމު ވަނީ ދެ ތިން ހަފުތާއަށް ލޮކްޑައުން ކޮށްފަ އެވެ. ނަމަވެސް އެ ގައުމުން ކޮވިޑް-19ގެ ކޭސްތައް ދަނީ ފެންނަމުންނެވެ.

އިންޑިއާގައި ދިވެހިން އެންމެ ގިނައިން ތިބި އެއް ގައުމެވެ. އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ތިބި ކިޔަވާ ދަރިވަރުން ރާއްޖެ އަންނަން ބޭނުންވެ އެކަން ސަރުކާރުގައި އެދިފައިވެސްވެ އެވެ. އޭގެ ތެރޭގައި ކޮޗިން އާއި ޕަންޗާބުގައި ތިބި ދިވެހިން ހިމެނެ އެވެ.

ރާއްޖެ އާއި އިންޑިއާ ގާތް ގުޅުމެއް އޮތް ނަމަވެސް މިހާތަނަށް އެ ދިވެހިންނަށް ރާއްޖެ އަދެވޭނެ މަގެއް ފެނިފައިނުވާތީ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އިންޑިއާގައި ތިބި ދިވެހިންނާ ގުޅޭ ގޮތުން ކޮޅެއް އަދިވެސް ފެނިފައިނުވާ ކަމަށެވެ.

“އިންޑިއާ ވަރަށް ރަނގަޅު ގުޅުމެއް އޮވޭ، ވަރަށް ގިނަ އެހީ ވެސް ވެއްޖެ ކޮވިޑް-19 އާ ގުޅިގެން، އެކަމަކު ދިވެހި ކުދިން ގެނައުމުގައި އެއްވެސް ކަހަލަ އަލި މަގެއް ފެނިފައެއް ނެތް،” މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު ވިދާޅުވީ އިންޑިއާގައި ވެސް ތިބި ދަރިވަރުން ރާއްޖެ ނުގެނެވުނަސް އެ ދަރިވަރުންނަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަން ވެސް ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!