ކޮރޯނާވައިރަހާ ގުޅިގެން ބޭރަށް ނުނުކުމެވި، އާއިލާއާ އެކީ ގޭގައި އެކަހެރިވެގެން ހުންނަން ޖެހުމުން، 4 ކުދިންގެ ކަންކަން އެއްފަހަރާ ބެލެހެއްޓުމަކީ ކިހާ އުނދަގޫ ކަމެއްކަން ވިސްނިއްޖެ ކަމަށް ކިމް ކާޑޭޝިއަން ބުނެފިއެވެ. ކިމް، 39، މިހެން ބުނެފައިވަނީ ވީޑިއޯ ކޯލު މެދުވެރިކޮށް ‘ދަ ވިއު’ އަށް ދިން އިންޓަވިއުއެއްގައެވެ.
“ހަތަރު ކުދިންނާއެކީ ގޭގަ ބަންދުވެގެން އިންނަން ޖެހުނީމަ މުސްތަޤުބަލުގަ އިތުރަށް ދަރިން ހޯދުމާ ބެހޭގޮތުން ދެވަނަ ވިސްނުމަކަށް ދާން ޖެހިއްޖެ”، ސަމާސާ ރާގެއްގައި ކިމް ބުންޏެވެ. މީގެ އިތުރުން ކިމް ބުނެފައިވަނީ، މިހާރު އޭނާއަށް ހުރިހާ ގަޑިއަކު ކައްކައި، އެއްޗެހި ދޮވެ، ދަރިންނަށް ކިޔަވައިދޭންވެސް ޖެހިފައިވާ ކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ދަރިންނަށް އިސްކަންދޭން ޖެހިފައިވާ ކަމަށް ވެސް މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ބުންޏެވެ. ހަމައެއާއެކު އޭނާ ބުނީ، ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުން އެ ކުރަނީ ކިހާ ބުރަބޮޑު މަސައްކަތެއް ކަން ވިސްނިއްޖެ ކަމަށާއި، އެމީހުންނަށް ތަޢުރީފު ޙައްޤު ކަމަށެވެ. ސަބަބަކީ، މުދައްރިސުންނަކީ އެއްފަހަރާ އެތައް ކުދިންނެއްގެ ކަންކަން ބަލަހައްޓަމުންދާ ބަޔަކަށް ވާތީއެވެ.
ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، ކިމް ވަނީ މިދިޔަ ހަފްތާގައި ކުރި ޕޯސްޓެއްގައި، އޭނާގެ ދަރިން މުނިފޫހިފިލުވަން ބޭނުންކުރަން އެންމެ ރަނގަޅު އުކުޅުތަކަކީ ކޮބައިތޯ ފޭނުންނާ ސުވާލުކޮށްފައެވެ. އެއާއެކު ‘ދަ ވިއު’ އަށް ދިން އިންޓަވިއުގައި ކިމް ބުނީ، އޭނާ ދަރިން މުނިފޫހިފިލުވަން މިހާރު އެންމެ ގިނައިން ކުރާ ކަމަކީ ފިލްމު ދެއްކުން ކަމަށެވެ. އެގޮތުން، ކުރިން އެކުދިން ނުބަލާ، ކުޑަކުދިންގެ އެތައް ފިލްމެއް ދައްކަމުންދާ ކަމަށް ބުނެފައިވެއެވެ. “އަހަރެން ކުޑައިރު އެންމެ ގިނައިން ބެލި ފިލްމުތައް މިހާރު ކުދިންނަށް މި ދައްކަނީ. އެއީ 1980 ގެ ފިލްމު”، ކިމް ހާމަކުރިއެވެ.
ކޮންމެއަކަސް، ކިތަންމެ ބުރަ ބޮޑަސް، އާއިލާއާ އެކީ ހޭދަކުރާ ވަގުތުތައް ވަރަށް ޙާއްސަކަމަށް ކިމް ބުނެއެވެ. އެގޮތުން ކިމް އަންނަނީ އޭނާގެ ކުދިންނާއެކީ ގޭގައި ތިބެގެން ކުރާ ކަންތައްތައް މީސްމީޑިއާގެ ޒަރިއްޔާއިން ބަރާބަރަށް ފޭނުންނާ ހިއްސާކުރަމުންނެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުއާ ކައިވެނި ކޮށްގެން ކިމްއަށް ވަނީ ހަތަރު ކުދިން ލިބިފައެވެ. އެއީ 6 އަހަރުގެ ނޯތު އާއި، 4 އަހަރުގެ ސެއިންޓް އާއި، 2 އަހަރުގެ ޝިކާގޯ އާއި 11 މަހުގެ ސާމް ވެސްޓެވެ. މިތަނުން އެންމެ ހަގަށް ތިބި ދެކުދިންނަކީ ސަރޮގެސީ މެދުވެރިކޮށް ހޯދާފައިވާ ދެކުދިންނެވެ.