އެމެޒޯންގެ ޑެލިވަރީ ކޮށްދޭ މީހެއް ކަސްޓަމަރެއްގެ ގޯތިތެރެއަށް ކުޑަކަމުދަނިކޮށް ފަޅާއަރައިފި

އެމެޒޯންގެ ޕެކޭޖެއް ޑެލިވަރ ކޮށްދޭން ދިޔަ އެތަނުގެ މުވައްޒަފަކު، ގެއެއްގެ ގޯތިތެރެއަށް ކުޑަކަމުދާ ވީޑިއޯއެއް އާންމުވެއްޖެއެވެ. އެ މީހާ މި ހަޑިމުޑުދާރު އަމަލު ކޮށްފައިވަނިކޮށް ފަޅާއަރާފައި ވަނީ، އެތާ ހުރި ސީސީޓީވީ ކެމެރާއަކަށް އެ މަންޒަރު އެރުމުން ކަމަށް، ޓީއެމްޒީ އިން ރިޕޯޓުކުރެއެވެ.

އެގޮތުން ފަހުން އެ ނޫހަށް އެނގުނު ގޮތުގައި، އެ މީހާ އެގޮތަށް ކަންތައް ކޮށްފައިވަނީ، ޕެކޭޖު ގޭގެ ދޮރުމަތީގައި ބޭއްވުމަށްފަހު އެނބުރި ވޭނަށް އަރަން އުޅުމުން ވޭން އެތެރެއިން ތަޅުލެވި، ހުޅުވޭނެ ގޮތެއް ނެތްކަން އެނގުމުންނެވެ. އަދި އެވަގުތު ވަރަށް ގަދަޔަށް ކުޑަކަމުދާން ޖެހިގެން، އިތުރު އެހެން ގޮތެއް ނެތުމުން އެތަނަށް ދިޔައީ ކަމަށް ވެސް ލިޔެފައިވެއެވެ. “މިފަދަ ދަނޑިވަޅެއްގައި، އެ ގޭގެ މީހުން ކައިރިން ފާހަނާ ބޭނުންކުރުމަށް ހުއްދައަށް އެދުނަސް، ނުދަންނަ މީހަކު ނުވައްދާނެ ކަންނޭނގެ”، މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެންމެންވެސް ސާފުތާހީރުކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަން އިޝާރާތްކުރަމުން ޓީއެމްޒީގައި ބުނެފައިވެއެވެ.

ޑެލިވަރީ ކޮށްދޭ މީހާގެ މި އަމަލާ ގުޅިގެން މީސްމީޑިއާގައި އެކި މީހުން ނުރުހުންފާޅު ކުރަމުން ދިޔަސް، އެ ގޭގެ ވެރިފަރާތުން އަދި އެކަމުގައި އެމެޒޯންއަށް މައްސަލަ ޖައްސައިފާ ވާކަމެއް މިހާތަނަށް އެނގޭކަށް ނެތެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެމެޒޯންގެ ޑެލިވަރީ ކުރާ މީހެއް ގެއަކަށް ގެންދިޔަ ޕެކޭޖަކަށް ކުޅު ޖަހާފައިވާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އަދި އެކަން ތިލަވުމާއެކު، އެމީހާ ވަނީ ވަގުތުން ވަޒީފާއިން ވަކިކޮށްފައި ކަމަށް އެމެޒޯންއިން ވަނީ ހާމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!