ބުޅަލާއި ކުއްތާގެ މަސް ކެއުން ޗައިނާގައި ފުރަތަމަ ފަހަރަށް މަނާކޮށްފި

ޗައިނާއިން އުފެދިގެން އައި ނުރައްކާތެރި ކޮރޯނާވައިރަހާ ގުޅިގެން، އެ ޤައުމުގެ ސިޓީއެއްގައި ފުރަތަމަ ފަހަރަށް ބުޅަލާއި ކުއްތާ ފަދަ ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކުގެ މަސް ކެއުން މަނާކޮށް، އެ ޤައުމުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ. ޑެއިލީ މެއިލުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ނިންމުން ނިންމައި، ޤާނޫނު އަސާސީގައި އެކުލަވައިލަން ފޮނުވާފައި ވަނީ ޝެންޒްހެން ސިޓީ އިންނެވެ. އެއާއެކު މޭ 1 ކުން ފެށިގެން، އެފަދަ ޖަނަވާރުތަކުގެ މަސް ކެއުން ޤާނޫނީ ގޮތުން މަނާ ވެގެން ދާނެއެވެ.

ކެއުމުގެ ގޮތުގައި ބޭނުންކުރުން މަނާކުރި ޖަނަވާރު ތަކުގެ ތެރޭގައި ހަރުފަ، ބޮއް އަދި ވެލާ މަސް ހިމެނެއެވެ. މިފަދަ ނިންމުމެއް ޗައިނާގެ ސިޓީ އަކުން ނިންމާފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖަނަވާރުތައް ހިމާޔާތްކުރުމުގައި އުޅޭ ފަރާތްތަކުން އެތައް އަހަރެއް ވަންދެން އެކަމަށް އަޑުއުފުލައި، އެ ޤައުމަށް ގޮވާލައިފައި ވަނިކޮށެވެ.

ޝެންޒްހެންގެ މި ނިންމުމަށް ގިނަ ބަޔަކު މިހާރު އަންނަނީ ތަޢުރީފު ކުރަމުންނެވެ. އެގޮތުން އެއްބަޔަކު ސިފަ ކޮށްފައިވާ ގޮތުގައި، މިއީ “ތާރީޚީ ނިންމުމަކަށް ވާނެ” އެވެ. އަދި މި ނިންމުމުގެ ސަބަބުން ޗައިނާގައި ޖަނަވާރުތައް ހިމަޔާތް ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.

ޗައިނާއަކީ، އެކި ކަހަލަ ބާވަތްތަކުގެ ޖަނަވާރުގެ މަސް ކެއުމުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައި އޮތް ޤައުމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮރޯނާވައިރަހާ ގުޅިގެން، އެ ޤައުމުގައި ވައިލްޑްލައިފް ގެ ބާވަތްތައް ބޭނުންކުރުން ވަނީ މަނާ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!