ކޮވިޑް-19: ޗައިނާގައި އުފައްދާފައި ހުރި ސިއްޙީ އާލާތްތައް ބޭނުން ކުރުމަށް ބައެއް ޤައުމުތަކުން ދެކޮޅު

ޗައިނާއިން ތައްޔާރުކޮށްފައި ހުރި ކޮރޯނާވައިރަސް ހުއްޓުވަން އެހީވެދޭ ސާމާނުތައް ބޭނުން ނުކުރަން ޔޫރަޕްގެ ބައެއް ޤައުމުތަކުން ނިންމައިފިއެވެ. ސީއެންއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުތަކުން މިގޮތަށް ނިންމާފައިވަނީ، ޗައިނާއިން ގެނައި ސާމާނު ތަކެއްގައި މައްސަލަ އުޅޭ ކަމަށް ބުނެއެވެ.

އެގޮތުން ސްޕެއިން، ތުރުކީ އަދި ނެދަލޭންޑްސްގެ ރަސްމީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ޗައިނާއިން އެ ޤައުމުތަކަށް ގެންދިޔަ އެތައް ހާސް މާސްކުތަކާއި ކޮރޮނާވައިރަސް ޓެސްޓު ކިޓު ތަކަކީ ފެންވަރު ދަށް، އަދި ގައިޑްލައިން ތަކަށް ނުފެތޭ ތަކެއްޗެވެ.

ނެދަލޭންޑްސް ގެ ހެލްތު މިނިސްޓްރީ އިން އިޢުލާނު ކޮށްފައިވާ ގޮތުން، 21 މާޗުގައި ޗައިނާގެ މެނިފެކްޗަރާރ އެއްގެ އަތުން ގަތް 6 ލައްކައެއްހާ މާސްކުގައި މައްސަލަ އުޅެއެވެ. އެހެންނަމަވެސް އެކަން ފާހަގަވުމުގެ ކުރިން، އޭގެން ބައެއް މާސްކު ވަނީ އިސް ސަފުގައި ހަރަކާތްތެރިވާ ސިއްޙީ ޚިދުމަތްތެރިންނާ ހަވާލު ކުރެވިފައި ކަމަށް ބުންޏެވެ. ނަމަވެސް އެ މާސްކުތަކުގެ ފިލްޓާ އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާކަން ފާހަގަ ކުރެވުމާއެކު، އެ ޝިޕްމަންޓުގެ ބާކީ ހުރި މާސްކުތައް ވަނީ ނުބަހަން ނިންމައިފައެވެ.

ސްޕެއިންއަށް ވެސް ދިމާވެފައި ވަނީ ދާދި އެކަހަލަ ގޮތެއްކަން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ޔަޤީންކޮށްދެއެވެ. އެގޮތުން، ޗައިނާގެ ކުންފުންޏަކުން ގެނައި ކޮރޯނާވައިރަސް ޓެސްޓު ކިޓު ތަކެއްގައި މައްސަލަ އުޅޭކަން ފާހަގަ ކުރެވިގެން، އެތަކެތި ބޭނުން ނުކުރަން ނިންމައިފާ ވާކަމަށް، އެ ޤައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެއީ ޗައިނާއިން އޯޑަރު ކޮށްގެން ގެނައި 1 ލައްކައަށްވުރެ ގިނަ ޓެސްޓު ކިޓުގެ ތެރެއިން 60،000 ޓެސްޓު ކިޓުން، މީހެއްގެ ގައިގައި ވައިރަސް ހުރިކަން ނުވަތަ ނެތް ކަން އެންމެ ފުރިހަމައަށް ދެނެނުގަނެވޭތީ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސްޕެއިންގައި ހުންނަ ޗައިނާގެ އެމްބަސީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ ޓެސްޓު ކިޓުތައް އުފެއްދި ކުންފުނި ކަމަށްވާ، ޝެންޒްހެން ބަޔޯއީޒީ ބަޔޯޓެކްނޮލޮޖީ އަކީ ޗައިނާގެ ސިއްޙީ އެއްވެސް އިދާރާއަކުން ރަސްމީ ލައިސެންސް ދީފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. އަދި ޗައިނާގެ ސަރުކާރުންނާއި އަލިބާބާ ގްރޫޕުން އެކި ޤައުމުތަކަށް ހަދިޔާ ކޮށްފައިވާ ތަކެއްޗަކީ އެ ކުންފުނިން އުފައްދާފައިވާ ތަކެއްޗެއް ނޫން ކަމަށާއި، އެހެންކަމުން ހަދިޔާ ކުރި އެއްވެސް އެއްޗެއްގައި އެފަދަ މައްސަލައެއް ނޫޅޭނެކަން ޔަޤީންކޮށްދީފައި ވެއެވެ.

ތުރުކީ އިންވެސް ވަނީ ޗައިނާއިން ގެނައި ބައެއް ޓެސްޓު ކިޓުތަކުގައި މައްސަލަ އުޅޭކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އޭގެތެރެއިން 3 ލައްކައަށް ވުރެ ގިނަ ކިޓު ރަނގަޅަށް މަސައްކަތް ކުރާކަމަށް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!