ވިޔަފާރިވެރިންނަކީ ގައުމަށް ވަރަށް ބޭނުންތެރި ބައެއް ކަމަށާއި އެއީ ވަރަށް ގިނަ ހިދުމަތްތައްކޮށްދޭ ބައެއް ކަމަށާއި ވިޔަފާރިވެރިންނާއި ދިމާލަށް ބަދުބަސް ބުނުމަކީ މިވަގުތު ބުއްދިވެރި ކަމެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
“ރާއްޖޭގެ މުއްސަނދި ކަމާއި، ރާއްޖޭގެ ތަނަވަސްކަން ބިނާވަމުން ވެސް އަންނަނީ އެ ބޭފުޅުންގެ މަސައްކަތުންވެސް މެ. އެހެންވީމަ ރާއްޖޭގެ ވިޔަފާރިވެރިންނާއި ދިމާލަށް ވެސް މިވަގުތު ބަރުބަސް ބުނުން، ބަދު ބަސް ބުނުން އެއީ ބުއްދިވެރި ކަމަކަށް ނުވާނެ” ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަކިކޮށް، އަދި މުސާރައިން ބައެއް އުނިކުރަމުންދާއިރު ނަޝީދު ވިދާޅުވީ މަޖިލީހުން ވީ މިންވަރަކު މުވައްޒަފުންގެ ސަލާމަތަށާއި، އާމްދަނީ އަށް ގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރުމަށް އެދޭ ކަމަށެވެ.
ދައުލަތުގެ އާމްދަނީ ކުޑަވަމުންދާކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ މިކަމުން އިސާހިތަކު އަރައިގަނެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.