ދަނޑުވެރިން އުފައްދާ ތަކެތި ރަނގަޅު އަގެއްގައި ގަންނާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަމްރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ އިން ހެއްދޭނެ ބައިވަރު އެއްޗެހި ހުރިކަން ދިވެހިން ދައްކުވައިދީފައިވާ ކަމަށާއި ނަމަވެސް ފުޅާދާއިރާއެއްގައި އެކަން ނުކުރެވި އޮތީ އާމްދަނީގެ ގޮތުގައި ލިބޭނީ ކިހާ ވަރެއްކަން ނޭނގޭތީ ކަމަށެވެ.
“ހައްދަވާށޭ، އަޅުގަނޑުމެން ގަންނާނަމޭ. ކުރީބައިގައި އިއުލާންކުރާނަމޭ ގަންނާނެ އަގު. ހެއްދުމުގެ ކުރިން އިނގޭނެ ހައްދައިފިއްޔާ ލިބޭނެ އާމްދަނީ. އޭރުން އިނގޭނެ ހިސާބު ޖަހަން ހައްދަން ދާނެ ހަރަދާއި، ހައްދަން ދާނެ މުއްދަތާއި، އޭގެއިން ލިބޭނެ އާމްދަނީ އަކީ މިހާވަރުކަން. އެ އޮންނާނީ ޔަގީންވެފައި” އަމްރު ވިދާޅުވިއެވެ.
އެގޮތުން މިފަދަ ތަކެތި ގަންނާނީ އެސްޓީއޯގެ އެގްރި ސެންޓަރުން ކަމަށާއި އެތަން އަންނަ މަހުގެ އެކެއްގައި ހުޅުވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ. ނޯތު ހާބަރު ކުރިމަތީގައި ހުޅުވާ އެ ސެންޓަރުން ރާއްޖޭގައި ދަނޑުވެރިން އުފައްދާ ތަކެތި ގަތުމުގެ އިތުރުން އެތަކެތި ހޯލްސޭލްކޮށް ވެސް ވިއްކާނެ ކަމަށާއި އަދި ރީޓެއިލްކޮށް އެތަކެތި ވިއްކާނީ އެސްޓީއޯ ސުޕަމާކެޓުން ކަމަށް އަމްރު ވިދާޅުވިއެވެ.
“ވިސްނުމުގައި ހުރީ ދަނޑުވެރިކަން ފުޅާކުރަން. ތަކެތި ހައްދަން މީހުންނަށް ހިތްވަރުދިނުން. އެހެންވެ އަގު އިއުލާނުކުރާއިރު ކުރާނީ ހަމަގައިމު ވެސް މާކެޓްގައި ހުރި އަގަށްވުރެ ރަނގަޅު އަގުގައި. މިކަން ކުރިއަރުވާން ބޭނުންވާތީވެ، މިކަން މިކުރަނީ ވިޔަފާރިއެއް ކުރުމުގެ ނިޔަތުގައެއް ނޫން އެ އޭންގަލުން ވިސްނައިގެން މިކަން ކުރެވެން އޮތީ” އަމްރު ވިދާޅުވިއެވެ.
އެސްޓީއޯ އިން މިކަން އިއުލާންކުރިއިރު ސަރުކާރުން ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަސަރު ކުރަމުންދާ މި ދަނޑިވަޅުގައި ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ފެށުމަށް ގޮވާލާފައެވެ.