ބޭހާއި، ސިއްހީ ސާމާނު އިންޑިއާ އިން ރާއްޖެ ގެނެސްފި

ބޭހާއި ސިއްހީ ދާއިރާއަށް މުހިންމު އެހެނިހެން އާލާތްތަކުގެ ޝިޕްމެންޓެއް އިންޑިއަން އެއާ ފޯސް އެއާކްރާފްޓެއްގައި އިންޑިއާ އިން މިއަދު ރާއްޖެ ގެެނެސްފިއެވެ.

އިންޑިއަން އެއަރފޯސްގެ އެހީގައި ރާއްޖެ ގެނައި ބޭހަކީ، ކޯވިޑް 19އާއި ގުޅިގެން އިންޑިއާގައި ލޮކްޑައުން އިޢުލާންކޮށް ވައިގެ ދަތުރުފަތުރައް ހުއްޓާލާފައިވާތީ ރާއްޖެއަށް ނުގެނެވިހުރި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ބޭހުގެ ޝިޕްމަންޓްތަކެވެ. އިންޑިއާ ސަރުކާރާއި ގުޅިގެން ބޭހުގެ ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްގެންދިޔަ “އޮޕަރޭޝަން ސަންޖީވަނީ”ގެ ދަށުން އިންޑިއާގެ 4 ސިޓީއަކުން 7 ސަޕްލަޔަރުންނަށް އޯޑަރުދީފައިވާ ބޭސްވަނީ ގެނެސްފައެވެ. އެގޮތުން ނިއުދިއްލީއާއި، މުމްބާއި އާއި، ޗެންނާއި އާއި، މަދޫރާއީގެ އެއަރޕޯޓްތަކުން ޝިޕްމަންޓްތައް ނަގައިގެން ރާއްޖެ ވަނީ ގެނެސްފައެވެ.

މި ޝިޕްމެންޓުގައި އިންފްލުއެންޒާ ވެކްސިންއާއި، ލޮޕިނަވިރް އަދި ރިޓޮނަވިރް ފަދަ (ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮވިޑް-19 އަށް ބޭސް ކުރުމަށް ބޭނުންކުރަމުންދާ) އެންޓި-ވައިރަލް ޑްރަގާއި، ހިތުގެ ބަލިތަކަށާއި، ކިޑްނީގެ ބަލިތަކަށާއި، ލޭ މައްޗަށް ދިޔުމާއި، ހައިޕާޓެންޝަން، އާތުރައިޓިސް، ހަކުރުބަލި، އެލާޖީ، އަދި ކެންސަރު ބަލީގެ ބޭހުގެ އިތުރުން އެންޓިކޮންވަލްސެންޓް ބޭހާއި، ކެތީޓަރ، ނެބިއުލައިޒަރ، ޔޫރިން ބޭގް އަދި ފީޑިން ޓިއުބް ހިމެނެއެވެ.

ރާއްޖެއަށް ބޭހުގެ މިޝިޕްމެންޓް ގެނައުމުގެ ރަސްމިއްޔާތުގައިވަނީ ބޭހުގެ މިޝިޕްމެންޓް ގެނައުމުގައި އިންޑިއަން އެއަރފޯސްއިން ދިން އެހީ ފާހަގަކުރައްވާ ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝާމާލްއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!