ބޭންކުތައް ހުޅުވުމާއެކު ކަސްޓަމަރުން މަސްހުނި ވެގެން

ކޮވިޑް19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމާ އެކު ބޭންކުތަކާއި އެމްއެމްއޭ އިން ވަނީ އެތަންތަނުން ހިދުމަތް ދޭނެ ވަގުތުތައް މަދުކޮށްފައެެވެ.

އެގޮތުން މިއަދަކީ ބޭންކުތައް މި ހަފްތާގައި ހުޅުވާނެ ކަމަށް ބުނެފައިވާ ދެ ދުވަހުގެ ތެރެއިން އެންމެ ފަހު ދުވަހެވެ. އަންނަ ހަފްތާއަކީ ވެސް ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވާ ހަފްތާއެކެވެ. އަދި މިހާތަނަކަށް ބޭންކުތަކުން ހިދުމަތް ދޭނެ ދުވަސްތަކަކާއި ގަޑިތައް އެމްއެމްއޭއިން އާންމެއް ނުކުރެއެވެ.

މިއަދު ބޭންކުތައް ކައިރީގައި އޮތީ ކިޔު ހަދާފައެވެ. ވަކި ބޭންކެެއް ނެތެވެ. ސޯޝަލް މީޑިއާގައި އަންނަނީ ބޭންކުތައް ކައިރީގައި މީހުން ކިޔު ހަދާފައިވާ މަންޒަރާއި އެތަނުގެ އެތެރޭގައި މީހުން ގިނަ މިންވަރު އަންގައިދޭ ވީޑިއޯތައް ދައުރުވަމުންނެވެ. މިއަދު ބޭންކުތަކަށް އެހާ ބާރު ބޮޑުވި އަނެއް ސަބަބީ، މިއަދަކި އެކިއެކި އޮފީސްތަކުގެ މުސާރަ ދޭ ދުވަސް ކަމަށް ވުމާއި، ޑޮލަރު ގަތުމާއި، ޗެކަށް ފައިސާ ނެގުމުގެ އިތުރުން ޖަމާ ކުރުންވެސް ކުރިއަށް ދާ ދުވަސް ކަމުގައި ވުމެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އިޖުތިމާއީ ގައިދުރުމިން ބެހެއްޓުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުން އައިނަމަވެސް ބޭންކުތަކުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ބޭންކުތަކުން ފެންނަނީ އެކަކު އަނެކަކާއި ޖެހި ފިތިގެން ތިބޭ މަންޒަރެވެ. އިޖުތިމާއީ ގައިދުރުމިން ބެހެއްޓުމަށް އިރުޝާދު ދެމުންދާ ތަނެއްވެސް ނުފެނެއެވެ. އެމީހަކާ އެމީހެކެވެ. ބިދޭސީންނާއި ދިވެހިން މަސްހުނިވެ، ހުމެއް ރޯގާއެއް ހުރި މީހެއް، އެއެއް މިއެއް ވަތްކެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ ސަރުކާރުން އަންނަނީ އެކަމާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސިއްހީ މާހިރުން އަންނަނީ މިދަނޑިވަޅުގައި އާއްމު ރައްޔިތުން ކަން ކުރަންވީ ގޮތްތައް ބަޔާން ކުރަމުންނެވެ. އެގޮތުން ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަގައިން ސައިބޯނި ލައިގެން އަތްދޮވުމަށް އަންނަނީ އިރުޝާދު ދެމުންނެވެ. އާއްމު ރައްޔިތުންގެ މެދުގައި މި ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ތިން ހަފްތާއަށް ސަރުކާރާއި ސްކޫލު ކޮލެޖު އަދި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!