ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އާސަންދަގެ ހިދުމަތް ލިބޭނެ: ސަރުކާރު

ރާއްޖެއިން ބޭރުގައި މިވަގުތު ތިބި ދިވެހިންނަށް އާސަންދައިގެ ހިދުމަތާއި އެންސްޕާގެ ހިދުމަތް ހަމަޖައްސައިދީފައިވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަވަށްޓެރި ގައުމުތަކާއި އެނޫން ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ މީހުންނާއި އެކި ބޭނުންތަކުގައި އެ ގައުމުތަކަށް ގޮސްތިބި ފަރާތްތަކަށް އާސަންދައާ އެންސްޕާގެ ހިދުމަތް ހަމަޖައްސާފައިވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް ގޮސް ނާދެވިގެން ތާށިވެފައި ތިބި މީހުންގެ އިތުރު ބޭސްފަރުވާ އާއި ހުރުމުގެ އިންތިޒާމްގެެ އިތުރުން އެމީހަކާއި އެކު ދިޔަ އެހީތެރިއެއްގެ ޑޮކްޓަރަށް ދެއްކުމާއި ހުރުމުގެ އިންތިޒާމް އާސަންދައިގެ ދަށުން ހަމަޖައްސާފައިވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ހިދުމަތް ބޭނުންވާ ފަރާތްތަކުން އެމްބަސީތަކުން ގުޅަން ދީފައި އޮންނަ ނަމްބަރުތަކަށް ގުޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ވެސް ވަނީ ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަށް އެ ޤައުމެއްގައި ހުރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!