އައްޑޫ ސިޓީ މަރަދޫއަށް އަރާ އާއްމުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މާޗް 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫސިޓީ މަރަދޫ އަށް ބަޔަކު އަރާ އެރަށުގެ އާންމުންގެ މުދަލަށް ގެއްލުންދީފައިވާކަމަށެވެ. އެގޮތުން ފުލުހުން ބުނީ މަރަދޫ ފިހަރާއަކާއި ދެ ގެއެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު އޭޕްރިލް އެއް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އައްޑޫސިޓީ ހިތަދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެ އެންމެންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.