ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލޮޅުންތަކެއް އަރާފައިވާ މި ދަނޑިވަޅުގައި، ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ވިއްކޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކުރުމަކީ އެމްޑިޕީގެ ވައުދެއް ކަމަށާއި އެގޮތުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުނިތަކުން ގަންނަ އުސޫލުން، ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
“ޔަގީންކޮށް މި އަރުވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ގަނެވޭނެ ނިޒާމެއް އަޅުގަނޑުމެން ހަދައިދޭނަން. އެ މަސައްކަތް މިހާރު އެސްޓީއޯ އާއި އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެބަކުރޭ” އަމީރު ވިދާޅުވިއެވެ.
ލޯނުތައް ނަގައިގެން ނަމަވެސް ދަނޑުވެރި ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށާއި ދަނޑުވެރިކަމުން ހައްދާ ތަކެތި ބޭކާރު ތަކެއްޗެއް ނުވެ ވިއްކޭނެ މަގުފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.