ސަރުކާރުގެ ހަރަދުތައް އެއް ބިލިއަނަށް ވުރެ އިތުރަށް ކުޑަކުރަނީ

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައިސް، އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުގެ ރިކަރަންޓް ހަރަދު އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް އެއް ބިލިއަނަށް ވުރެ ކުޑަކުރުމަށް މަސައްކަތްކުރާ ކަމަށް ކުރިން ހާމަކޮށްފައިވީނަމަވެސް މިހާރު އެއް ބިލިއަނަށް ވުރެ އިތުރަށް ކުޑަކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެގޮތުގެ މަތިން ވަނީ މިނިސްޓްރީތަކާ ވެސް މަޝްވަރާ ކުރައްވާފަ އެވެ. އެކަމަކު ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަކީ ވިސްނުން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ބައެއް އޮފީސްތަކުގައި ވަރަށް ބޮޑު މުސާރައެއް ދެމުން އަންނަކަމަށާއި މިހެންކަމުން، މުސާރަ ކުޑަކުރުމަށް ވެސް ލަފާދެއްވާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓުން ހަރަދުކުރަމުން ގެންދަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެން ކަމަށެވެ. 

“މިހާރުވެސް ސަރުކާރުގެ އިދާރާތަކުގެ ހަރަދުތަކުގެ ތެރެއިން 35،000 އަށް ވުރެ މަތިން ކުރާ ހަރަދުތައް ސީދާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ވާނީ ސާކިއުލާއެއް ނެރެފައި. އެއީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ކުރާ ކަންތައްތަކެއް،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރު ރާއްޖޭގެ ޓޫރިޒަމް 37 ޕަސެންޓާއި 50 ޕަސެންޓް ދަށަށް ދާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ. އެއާއެކު، ބަޖެޓުގެ ދަރަނި 12 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭކަމަށްވެސް އަމީރު ވިދާޅުވި އެވެ.

ނަމަވެސް، މިއަހަރަށް ކަނޑައަޅާފައިވާ އެއްވެސް ޕީއެސްއައިޕީ މަޝްރޫއުއެއް މަޑުޖައްސާނުލައި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!