ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވެންސެއް ދިނުމަށް ނިންމައިފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެލެވަންސް ދޭނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށްކަމަށެވެ. ނަމަވެސް ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ އެލެވެންސްގެ ޢަދަދު މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.
މި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ތައާރަފްކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖުގެ ތެރެއިން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަދި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށާއި ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރެވޭ ވަރުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
“ވަރަށް މުހިންމު ކަމެއް ވަޒީފާ ގެއްލޭ މީހުން ރަޖިސްޓރީކުރުން. “ޓީމް”އިން އެބައޮތް ޢަދަދެއް ޙިއްސާކޮށްފައި ރިސޯޓުތަކުން ވަޒީފާ ގެއްލުނު މީހުން. އެހެންވެ މިދަންނަވަނީ ފޯމަލް މެކޭނިޒަމެއްގެ ތެރއިން މިކަންކުރަން. އަޅުގަނޑު އެދެން ޖޮބް ސެންޓަރގައި ރަޖިސްޓްރީކުރުން.” މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އިޢުލާންކޮށްފައިވާ 1.5 ބިލިއަން ރުފިޔާގެ “ސްޓިމިއުލެސް ޕެކޭޖް”އިން ރިސޯޓްތަކަށް ފައިސާ ދޫކުރާނީ އެރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަންދިނުމުންކަމަށެވެ. ނަމަވެސް ރިސޯޓްތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ފައިސާ ދޭނީ “ސްޓިމިއުލަސް ޕެކޭޖު”ގެ ތެރެއެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.