މުޖްސޭ ޝާދީ ކަރޯގޭ ނުހިނގީ ޝެހެނާޒްގެ ސަބަބުން: ޕާރަސް

ބިގްބޮސް 13 އަށް ލިބުނު ބޮޑު ތަރުހީބާއެކު، އެ ޝޯގެ ގަދަ 6 ގައި ހިމެނުނު ދެމީހުން ކަމަށްވާ ޝެހެނާޒް ގިލް އާއި، ޕާރަސް ޗާބްރާ ހިމަނައިގެން ކަލާޒް އިން ގެނެސްދޭން ފެށި ޝޯ، ‘މުޖްސޭ ޝާދީ ކަރޯގޭ’ އަށް އެހާ ފިނި ތަރުހީބެއް ލިބުނީ ޝެހެނާޒްގެ ސަބަބުން ކަމަށް ޕާރަސް ބުނެފިއެވެ.  ބިގްބޮސް 13 ގެ ހަވަނައަށް ދިޔަ ޕާރަސް މިހެން ބުނެފައިވަނީ، ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.

‘މުޖްސޭ ޝާދީ ކަރޯގޭ’ އަކީ ޕާރަސް އާއި ޝެހެނާޒަށް ބައިވެރިއަކު ހޯދުމުގެ ގޮތުން ކުރިޔަށް ދިޔަ ޝޯއެކެވެ. އެހެންނަމަވެސް ޕާރަސް ބުނީ، ޝެހެނާޒް އެ ޝޯގައި ކުރިހާ ވެސް ކަމަކީ އެންމެންގެ ވަގުތު ބޭކާރު ކުރުން ކަމަށެވެ. އަދި ޝޯ އަށް ހީކުރި ވަރުގެ ތަރުހީބެއް ނުލިބި، މެދުތެރެއިން ހުއްޓާލަން ޖެހުނީ އެހެންވެގެން ކަމަށް ބުނެފައިވެއެވެ.

ޝޯ އެހިސާބަށް ދިޔައިރު، ޕާރަސް ވަނީ އާންޗަލް ކުރާނާއާ ގުޅުން ބަދަހި ކޮށްފައެވެ. އެހެންނަމަވެސް، ޝެހެނާޒް އެއްވެސް ބައިވެރިއެއް އިޚްތިޔާރު ކޮށްފައި ނުވާތީ، ޕާރަސް ވަނީ އެކަމަށް އަލިއަޅުވައިލާފައެވެ. “އޭނަ ވަނީ ކަލާޒް އާއި، ބެލުންތެރިންނާއި ޝޯގަ ބައިވެރިވި ހުރިހާ ފިރިހެނުންގެ ވަގުތު ބޭކާރު ކޮށްފަ. ޝޯ އުފެއްދި ފަރާތްތަކުން ޕަންޖާބުގެ ހުނަރުވެރި ބައިވެރިންތަކެއް ޝެހެނާޒަށް ގެނެސްދިން އިރު ވެސް އޭގެން އެކަކާމެދު ވެސް އޭނަ ޝައުގުވެރިކަމެއް ފާޅެއް ނުކުރި. މުޅި ޝޯގަ ވެސް ޝެހެނާޒް އިސްކަން ދިނީ ސިދާތު ޝުކްލާއަށް. އަބަދުވެސް ދައްކަނީ ސިދާތުގެ ވާހަކަ”، އެއީ ޝޯގެ މުޅި މަޤްސަދާ ޚިލާފު ކަމެއް ކަން ފާހަގަ ކުރަމުން ޕާރަސް ބުނެފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ޕާރަސްގެ ވާހަކަ މިހެން ހުރި އިރު، ޝެހެނާޒުވެސް ވަނީ މީގެ ކުރިން ޕާރަސްއާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، ޝޯގައި ޕާރަސް ވަނީ އަންހެން ބައިވެރިންނަށް ޤަދަރު ކުޑަވާ ގޮތަށް އަމަލު ކޮށްފައި ކަމަށް ޝެހެނާޒު ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭގެ ރައްދުގައި ޕާރަސް ބުނީ، ބޭއަދަބީ ބަސް ބޭނުންކުރި މީހަކީ ޝެހެނާޒު ކަމަށެވެ.

ބިގްބޮސް 13 ގެ އެއްވަނަ ހާސިލްކުރި ސިދާތު ޝުކްލާއާއި، ޝޯގެ ތިން ވަނައަށް ދިޔަ ޝެހެނާޒް ގިލްއާ ގުޅޭގޮތުން ލޯބީގެ ވާހަކަތައް އެ ޝޯއަށް ފަހު އަބަދުވެސް އަންނަނީ މީޑިއާގައި ދެކެވެމުންނެވެ. އެގޮތުން، ބިގްބޮސްގައި އެ ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމަށް އެމީހުން ފޭނުން ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ސިދާތުއާ މެދު ޝެހެނާޒް ޝައުގުވެރިކަން ފާޅުކޮށްފައި ވިޔަސް، ސިދާތު އަބަދުވެސް ބުނަމުން އަންނަނީ އެދެމީހުންނަކީ ގާތް އެކުވެރިން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!