ބާރު ކިނބިއްސެއް 27 ފޫޓާ ހަމައަށް ދަތުރުކުރޭ: ދިރާސާ

އަނގަމަތި ނިވާ ނުކޮށް ވަރަށް ބާރު ކިނބިއްސެއް އަޅައިފިނަމަ، އެ ކިނބިހި 27 ފޫޓާ ހަމައަށް ދަތުރު ކުރާ ކަމަށް އެމެރިކާގެ މެސަޗޫސްޓަސް އިންސިޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ދިރާސާއަކުން ދައްކައިފި ކަމަށް، އެ ޤައުމުގެ ކޮރޯނާވައިރަސް ޓާސްކުފޯހުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. އެންތޮނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ޑރ. ފައުޗީ މިހެން ވިދާޅުވެފައިވަނީ ވައިޓް ހައުސްގައި ކޮންމެދުވަހަކު ބާއްވާ ޕްރެސް ބްރީފިންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބްރީފިންގައެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ، އެ ދިރާސާގައި އެހެން އޮތުމުން އާންމުންނަށް އޮޅުން އަރައިފާނެ ކަމަށެވެ. “ދިރާސާގަ އެހެން އޮތީމަ ހީކޮށްފާނެ ސޯޝަލް ޑިސްޓެންސިންގަ އޮންނަ 6 ފޫޓަކީ އެންމެ ރައްކާތެރި ދުރުމިނެއް ނޫން ކަމަށް. އެކަމަކު އެޔެއް ނޫން ދިރާސާގަ ބުނާ އެއްޗަކީ. 27 ފޫޓަށް ކުޅު ތިކިތައް ބުރާނީ ވަރަށް ވަރުގަދަ ކިނބިއްސަކުން. އާދައިގެ ކިނބިއްސެއްގެ ވާހަކައެއް ނޫން ދިރާސާގަ ބުނެފަ އޮތީ”، ޑރ. ފައުޗީ ސާފުކޮށްދެއްވިއެވެ.

އަދި އެ ދިރާސާގައި އިތުރަށް ބުނާ ގޮތުގައި، ކިނބިއްސެއް އާޅާފައި މީހަކު އެތަނަކުން ނުކުމެގެން ދިޔަސް، އެތައް އިރެއް ވަންދެން ކުޅުތިކިތައް އެތަނެއްގައި ހުރެއެވެ. އެހެންކަމުން، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމުގެ މުހިއްމުކަން ދޭހަވެގެން ދާކަމަށް ޑެއިލީ މެއިލުގައިވާ ޚަބަރުގައި ވެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، އެ ވައިރަސް ހަލުވިކަމާއެކު ފެތުރޭ ސަބަބުތައް ދެނެގަތުމަށް ސައިންސްވެރިން އަންނަނީ އެކި ކަހަލަ ދިރާސާ ކުރަމުންނެވެ. އެގޮތުން، ދާދި ފަހުން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި، ވައިގެ ޒަރިއްޔާއިން ވެސް ކޮރޯނާވައިރަސް ފެތުރެއެވެ. ވީމާ މިކަމަށް ސަމާލު ވެގެން، އަޅަން ޖެހޭ އެންމެހައި ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ތިބުމަށް ސިއްޙީ މާހިރުން އިލްތިމާސްކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!