އަންނަ ހަފްތާގައި ސްޓިމިއުލަސް ޕެކޭޖުތައް ދޫކުރަނީ

ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމަކީ ކުރިން އެއްވެސް މިންވަރަކަށް އަންދާޒާ ކުރެއްވުނު ކަމެއް ނޫން ކަމަށެވެ. އިގްތިސޯދަށް އައި ހީނަރުކަމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ސަރުކާރުން ދިނުމަށް ނިންމާފައިވާ ސްޓިމިއުލަސް ޕެކޭޖްގައި ހިމެނޭ ލޯނުތައް އާންމުކޮށް ލޯނު ލިބޭ ގޮތަށް ވުރެ ފަސޭހަ ވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ސަރުކާރުން ދޫކުރާ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވަޒީފާއިން މުވައްޒަފުން ވަކި ނުކުރާ ކުންފުނިތަކަށް ކަމަށެވެ.

އަމީރު ވިދާޅުވީ، ސްޓިމިއުލަސް ޕެކޭޖުތަކުން ކުންފުނިތަކަށް ދޫކުރާ ފައިސާ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އޮތުމަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މި ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދެއްކުމަށްޓަކައި ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.

ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ތައް މެދުވެރިކޮށެވެ. މީގެ ތެރެއިން ބީއެމްއެލް އިން ދޫކުރާނީ ވިޔަފާރިތަކަށް އަހަރަކު 10 މިލިއަން ރުފިޔާ ލިބޭ އާންމު ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކެވެ.

ސްޓިމިއުލަސް ޕެކޭޖް ހިނގާ ގޮތް ސާފުކޮށް ދެއްވަމުން އަމީރު ވިދާޅުވީ، 10 މިލިއަން ރުފިޔާ ލިބިފައިވާ ވިޔަފާރިތަކަށް ލޯނު ދޫކުރާނީ ބީއެމްއެލުން ކަމަށާއި 10 މިލިއަން ހަމަ ނުވާ ވިޔަފާރިތަކަށް ލޯނު ދޫކުރާނީ އެސްޑީއެފްސީން ކަމަށެވެ. ހަމައެއާއެކު އަމިއްލަ ފަރާތްތަކަށް ވެސް ލޯނު ދޫކުރާނީ އެސްޑީއެފްސީން ކަމަށް އަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަ ދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހަންމަދު ސައީދު ވިދާޅުވީ، 10 މިލިއަން ރުފިޔާގެ މަތީގެ ލޯނުތައް ދެނީ އެއްވެސް ރަހުނަކާ ނުލައި ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެ ލޯނުތަކުގައި ރިސޯޓްތަކަށް ވެސް އަދި ވިޔަފާރިތަކަށް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!