މަޝްހޫރު ރިއަލިޓީ ޓީވީ ތަރި އަދި ޒުވާން ބިލިއަނަރ، ކައިލީ ޖެނާއާއި އޭނާގެ މަންމަ ކްރިސް ޖެނާގެ ފަރާތުން ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ހޭންޑް ސެނިޓައިޒާ ހަދިޔާ ކުރަން ނިންމައިފިއެވެ.
ޓީއެމްޒީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކައިލީގެ ބްރޭންޑެއް ކަމަށްވާ ‘ކައިލީ ސްކިން’ އިން ހޭންޑް ސެނިޓައިޒާ އުފައްދައި، ކެލިފޯނިއާގެ ހޮސްޕިޓަލު ތަކަށް ހިލޭ ދިނުމަށް ވަނީ ނިންމައިފައެވެ. އަދި އެއީ ކޮރޯނާވައިރަހާ ދެކޮޅަށް ހޮސްޕިޓަލު ތަކުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންނަށް އެހީވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
ނުރައްކާތެރި ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު، ހޭންޑް ސެނިޓައިޒާއާއި، މާސްކާއި، އަތްދޮންނަ ސައިބޯނި ލިބުން ވަނީ ދަތިވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ކައިލީ އެފަދަ އެހީއެއް ވާން ނިންމުމުން ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ.
ހަމައެހެންމެ، ކައިލީއާއި އޭނާގެ ދައްތަ ކިމް ކާޑޭޝިއަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ކޮންމެ މީހަކު 1 މިލިއަން ޑޮލަރު ވެސް ހަދިޔާ ކޮށްފައެވެ. އަދި ގޭގައި މަޑުކުރުމަށް އެމީހުންގެ ފޭނުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.
ކައިލީ ޖެނާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރެވެ. ކައިލީއަށް އެ މަޤާމު ދީފައިވަނީ ފޯބްސް މެގަޒިނުން، މިދިޔަ އަހަރެވެ. އޭރު ކައިލީއަށް 21 އަހަރެވެ.