މާލެ އިން ފުރައިގެން އައްޑޫ ސިޓީ ފޭދޫ އަށް ދަތުރުކުރި “އަލްމާ” ބޯޓު ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަށް މީހުންނާއެކު ސ. ފޭދޫއަށް ދަތުރުކުރި އަލްމާ ބޯޓު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު ލިބުނީ ހަވީރު 17:35 ގައި ކަމަށެވެ.
އެގޮތުން ގދ. މާވަރަލަ ފަރަށް އެރުމާއެކު އެމްއެންޑީއެފުން ސަދަން އޭރިޔާއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑިއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މި ބޯޓުގައި ތިބީ ދިވެހި ހަތަރު މީހުންނާއި ބިދޭސީ ހަތަރު މީހުން ކަމަށެވެ. އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ކަނޑުހުޅުދޫ އަދި ގައްދޫގެ އާއްމު ފަރާތްތަކާއި ގުޅިގެން ބޯޓުގައި ހުރި މުދާތައް ހުސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.