ކާފިއު ވަގުތު ބޭރުގައި އުޅޭނަމަ ޖޫރިމަނާކުރަނެ

ކާފިއުގެ ވަގުތުގައި ތަކުރާރުކޮއް ބޭރުގައި އުޅޭނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާދަމާއިން ފެށިގެން ކޮންމެ ދުވަހަކުވެސް 3 ގަޑިއިރަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި 3 ގަޑިއަރަށް ކާފިއު ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ފުލުހުން ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާއްމު ސިއްޙަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ނެރުއްވާފައިވާ އިޢުލާން ނަމްބަރު 2020/28 އާ ގުޅިގެން ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމުގެ މަތިން 2020 އޭޕްރިލް 02 ވަނަ ދުވަހުން ފެށިގެން 17:00 ން 20:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަޙައްދުގައި މަގުމަތީގައި މީހުން އުޅުމާއި އަދި އުޅަނދުފަހަރު ދުއްވުން މަނާވުމާއި އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ 03 މީހުންނަށްވުރެ އިތުރަށް މީހުން މަގުމަތީގައި އެއްވެ އުޅުން މަނާކުރައްވާ އަންގަވާފައިވާ ކަންކަން މި ސަރވިސްގެ ފަރާތުން ތަންފީޒު ކުރަމުން ގެންދާނެކަމަށެވެ.

މިގޮތުން، އެ އެންގެވުމާ ޚިލާފުވާ ފަރާތްތަކަށް ނަސޭޙަތްތެރިވެ އެކަން ތަކުރާރުވާނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރައްވާ، އިޖްތިމާޢީ ގައިދުރުކުރެއްވުމަށް މި ސަރވިސްއިން ތަކުރާރުކޮށް ހަނދުމަފުޅުކޮށް އަރުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ކަމާބެހޭ އިދާރާތަކުގެ އެންގުމާ އެއްގޮތަށް ޢަމަލުކުރައްވާ ބޭފުޅުންނަށް ޝުކުރުދަންނަވަމުން، ފުލުހުންގެ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށްވެސް ޝުކުރު ދަންނަވާފައިވެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 18 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅު ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!