ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓު ކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓް ކުރައްވައިފި އެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވަނީ އެމަނިކުފާނުގެ ސާމްޕަލް ނަގާފަ އެވެ.

އީސް ނަޝީދު، ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވަނީ އެމަނިކުފާނު އިނގިރޭސިވިލާތަށް ދަތުރު ކުރައްވާފައިވާތީ އެވެ. އަމިއްލަ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ވަޑައިގެންނެވީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.

އިނގިރޭސިވިލާތުން ވެސް އަދި އެހެން ގައުމުތަކުން ވެސް އަންނަ ދިވެހިން މިހާރު 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހެ އެވެ. އެގޮތަށް ކަރަންޓީނުގައި ތިބި ހަތަރު ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން އައި މީހުންނެވެ.

އެހެންވެ، އެޗްޕީއޭއިން ނިންމާފައިވަނީ މާޗް މަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހަށް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުން ވެސް ޓެސްޓް ކުރުމަށެވެ. އެމީހުން ގޭގައި އެކަހެރިވުމަށް މީގެކުރިން އެޗްޕީއޭއިން އަންގާފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭރު އެމަނިކުފާނު ބައްޔަށް ޓެސްޓް ކޮށްފައި ނުވަނީ އެ ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމުން ކަމަށާއި މިއަދާ ހަމައަށް ވެސް ހުމާއި ރޯގާ ފަދަ ބައްޔެއްގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އެޗްޕީއޭއިން އަންގާ ގޮތަކަށް އަމަލު ކުރުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ބައްޔަށް ޓެސްޓް ކުރަން ޖެހޭނަމަ ޓެސްޓް ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!