ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގުންތަކަށް ހުރިހާ އެންމެން ވެސް ބޯލަނބަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ނޭދުނު ނަމަވެސް ކޮވިޑް-19 ރާއްޖެ އައިސްފައިވާ ކަމަށާއި މި ބިރުވެރި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގެވުންތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އެންމެން ވެސް ބޯލަނބަންޖެހޭ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.
އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، ސަރުކާރުން މިހާރު ވަނީ މި މަހުގެ 14 އިން 19 އާއި ހަމައަށް އެގައުމުން ރާއްޖެ އައި އެންމެން ޓެސްޓުކޮށް އެމީހުންނާ ކޮންޓެކްޓުވި މީހުން ވެސް ޓެސްޓު ކުރަން ނިންމާފައެވެ.