ފޮޓޯ؛ އަވަސް

މާލޭގެ މާރުކޭޓުތައް ހަވީރު 4:00ގެ ފަހުން ބަންދުވާނެ

މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މާރުކޭޓްތަކުން މާދަމާއިން ފެށިގެން ހަވީރު ހަތަރެއްގެ ފަހުން ވިޔަފާރި ނުކުރެވޭނެ ކަމަށް މާލެ ސިތީކައުންސިލުން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އިން ފެށިގެން މާލޭގައި މާރުކޭޓުތައް ހިންގޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ދަށުން ހިންގާ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން ވިލިމާލެ މާރުކޭޓު ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިން އާންމުކޮށް ރޭގަނޑު 10:00 އާ ހަމައަށް މި މާރުކޭޓުތައް ހިންގާ ކަމަށް ކައުންސިލުން ބުންޏެވެ.

މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ފެތުރުން މަދުކުރުމަށްޓަކައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް މަގުމައްޗަށް ނުނިކުމެވޭނެ ގޮތް ވަނީ ކަނޑައަޅައިފަ އެވެ. އަދި ތިން މީހުންނަށް ވުރެ ގިނަ މީހުން ބޭރުގައި އުޅުން ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފަ އެވެ.

މާރުކޭޓް ތަކުން ހިދުމަތްދޭ ގަޑިތަކަށް ގެނައި ބަދަލަކީ:

  • މާލޭ ލޯކަލްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
  • މާލޭ ދަތުރުވެރިންގެ މާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
  • މާލޭ މަސްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
  • ވިލިމާލެ ލޯކަލްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.

މާރުކޭޓު ގޮޅިތައް ހިންގާ ފަރާތް ތަކުންނާއި އަދި މާރުކޭޓުން ވިޔަފާރި ކުރާ ފަރާތްތަކުން މި ގަޑިތަކާ އެއްގޮތަށް އަމަލު ކުރުމަށް ސިޓީކައުންސިލުން ވަނީ އަންގާފަ އެެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މިހާރު ވެސް މާލެ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަނާއި ޖިމްތަކާއި ސިނަމާތަކާއި ޕާކްތަކާއި މައިޒާންތައް ބަންދުކޮށްފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!