އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ މީހާ އަކީ އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެމީހާއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. މި ބައްޔަށް މީގެކުރިން ޕޮޒިޓިވްވި ތިން ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ތިން މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 19 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިރު، މިވަގުތު އޭގެ ތެރެއިން 13 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.