އާމްދަނީން އިންކަމް ޓެކްސް ނަގަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށާ އިރު މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އިންކަމް ޓެކްސްއާ ގުޅޭ ގޮތުން މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ނެގުމަށެވެ. އެހެން މި ބިލް ގާނޫނަކަށް ވީ އިރު އެކަން ވަނީ ބަދަލުކޮށްފަ އެވެ.

މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ. އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.

ކުންފުނިތަކުން ޑިވިޑެންޑަށް އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ އިރު ޑިވިޑެންޑުން ޓެކްސް ނުނަގަން މަޖިލީހުން ވަނީ ނިންމައިފަ އެވެ. އަދި ގާނޫނު ފާސްވީ ވެސް އެހެންނެވެ.މީރާއިން ވަނީ ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގާނެ ސުންގަޑިތައް ވެސް މިއަދު އާންމުކޮށްފަ އެވެ. އެގޮތުން މަހުން މަހަށް ކަނޑާ އުސޫލުން މި ޓެކްސް ދައްކާނަމަ އަންނަ މަހުގެ 15 ގެ ކުރިން ޓެކްސް އަށް ވާ ފައިސާ ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން އިންޓެރިމް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ ފުރަތަމަ ޕޭމެންޓް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަމަވާ އިރު ދެވަނަ އިންޓެރިމް ޕޭމެންޓްގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ އަހަރު އެވެ. އަދި ތިން ވަނަ އިންޓެރިމް ޕޭމެންޓްގެ މުއްދަތު ހަމަވަނީ 30 ޖޫން، 2021 އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. ނަމަވެސް ބިލަށް ގެނައި ބަދަލާއެކު އެ އަދަދު 450 މިލިއަން ރުފިޔާ އަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.

މުއްސަނދިންނާއި ފަގީރުންގެ ފަރަގު ނައްތާލުމަށް އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!