ފިހާރަ އަދި ކެފޭ ރެސްޓޯރެންޓު 24 ގަޑިއިރު ހިދުމަތް ދިނުން މަނާކޮށްފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގަމުން ގެންދާ ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭތަކުގެ ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ މާދަމާ މެންދުރު 12:00 އިން ފެށިގެން، މާލޭ ސަރަހައްދުގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން އަންގާ ކަމަށެވެ. މި އެންގުމަކީ ވަކި މުއްދަތެއް ނެތް ގޮތެއް އަންގާފައިވާ އެންގުމެކެވެ.

މާލެ ސަރަހައްދުގެ ރެސްޓޯރެންޓު އަދި ކެފޭތަކުގެ ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން މަނާ ކޮށްފައިވާއިރު މާދަމާއިން ފެށިގެން މާލެ ސިޓީ ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކަށް ވަކި ވަގުތެއްގައި ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ. އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވަނީ އެކަމަނާގެ އެ އެންގުމަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަށް އިލްތިމާސް ކުރައްވާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!