އެއް ހަފްތާ ވަންދެން ގޭގައި އިނދެގެން ޖާންވީއަށް ދަސްވި ކަންކަމަކީ މިއީ

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާގައި ލޮކްޑައުން އިޢުލާނު ކުރި ފަހުން، އެ ޤައުމުގެ އެންމެން ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ. އެއާއެކު، މަޝްހޫރު ތަރިން ގޭގައި ތިބެގެން ކުރާ ކަންކަން އަންނަނީ މީސްމީޑިއާގެ ޒަރިއްޔާއިން އެމީހުންގެ ފޭނުންނާ ޙިއްސާކުރަމުންނެވެ. މިގޮތުން ބޮލީވުޑުގެ ޒުވާން ތަރި ޖާންވީ ކަޕޫރު ވަނީ، އެއް ހަފްތާ ވަންދެން ‘ސެލްފް އައިސޮލޭޓް’ ވެގެން އިނުމުން އޭނާއަށް ދަސްވި ކަންކަން ފޭނުންނާ ހިއްސާކޮށްފައެވެ.

އިންސްޓަގުރާމުގައި މިދިޔަ ހޯމަ ދުވަހު ޖާންވީ ކުރި ޕޯސްޓުގައި ވަނީ، އޭނާއަށް ކުރިން އިޙުސާސް ނުވާ އެތައް ކަމެއް އިޙުސާސް ވެއްޖެ ކަމަށް ބުނެ ދިގު ލިޔުމެއް ލިޔެފައެވެ. އަދި މި މުއްދަތިގައި ވަރަށް ގިނަ ކަންކަމަށް އޭނާގެ ލޯ ހުޅުވިއްޖެ ކަމަށް ބުނެފައިއެވެ.

އެގޮތުން، ކާއެއްޗެހީގެ އަގު ވަޒަން ކުރަން ދަސްވެއްޖެ ކަމަށާއި، އެއްޗެހި ހުސްނުވާ ވަރަށް ގިނައިން ލިބިފައި ހުރުމަކީ ނިޢުމަތެއް ކަން އިޙުސާސްވެއްޖެ ކަމަށް ބުނެފައިވެއެވެ. އަދި މީގެކުރިން އޭނާއަށް އެކަންކަމަށް އަގުވަޒަން ކުރަން އެނގިފައި ނެތުމަކީ އޭނާގެ އަމިއްލަ އެދުން ބޮޑުކަން ކަމާއި ޒިންމާދާރުކަން ކުޑަވުން ކަމަށް ވެސް ބުންޏެވެ.

ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ ޖާންވީ އޭނާގެ މަންމައާއި ބައްޕައާ ބެހޭގޮތުން ލިޔެފައިވާ ބަސްތަކަށެވެ. އެގޮތުން، މީގެ ދެ އަހަރު ކުރިން ދުނިޔެ ދޫކޮށްފައިވާ އޭނާގެ މަންމަ، ސްރީދޭވީއާ ބެހޭގޮތުން ޖާންވީ ބުނީ މަންމަގެ ޑްރެސިންގ ރޫމުން އަދިވެސް ދުވަނީ މަންމަގެ ވަސްކަމަށެވެ. އަދި ބައްޕަ (ބޯނީ ކަޕޫރު) ޖާންވީއާއި އޭނާގެ ކޮއްކޮ ޚުޝީދެކެ ކިހާ ލޯބިވާކަންވެސް އިޙުސާސްވެއްޖެ ކަމަށް ލިޔެފައިވެއެވެ. “ލޮކްޑައުންގެ ކުރިން އަހަންނާއި ޚުޝީ ބޭރަށް ގޮއްސިއްޔާ ބައްޕަ އިންނާނެ އަހަރެމެން ގެއަށް އަންނަންދެއް އިންތިޒާރުގަ، އަހަރެމެންނާ އެކީ ވަގުތު ހޭދަކުރަން ބޭނުންވެގެން. އެކަމަކު އަހަންނަކަށް އޭރު ނުފެނޭ ބައްޕަ އެގޮތަށް އިންނަނީ ކިހިނެއް ކަމެއް. މިހާރު އަހަރެން ނިދާ ހޭލައިގެން ނުކުންނަ އިރު ބައްޕަ އިންނާނެ ސޯފާގަ ހިނިތުންވެލައިގެން، އެއީ މިހާރު އަބަދުވެސް އަހަރެމެން ބައްޕައަށް ފެންނަ ހިސާބުގަ ތިބޭތީ. އެހެންވެ އަހަންނަށް އިޙުސާސްވެއްޖެ މީގެ ކުރިން ބައްޕަ ހަމަ އެ ސޯފާގަ، އަހަރެމެންގެ އިންތިޒާރުގަ އިންނާނެ ގޮތް، ކިހާ އެކަނިވެރިވާނެކަން ވެސް.” ބައްޕައާ ބެހޭގޮތުން ޖާންވީ ލިޔެފައިވެއެވެ.

ޖާންވީގެ ޕޯސްޓުގައި މި ނޫނަސް އެތައް ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އޭނާގެ އެކުވެރިންނަކީ ކިހާ މަޖާ ބައެއްކަން އެނގިއްޖެ ކަމާއި، މިއުޒިކުން ކިތަންމެ ބޮޑު ހާސްކަމެއް ވެސް ފިލައިދާ ކަމާއި، ގޭގައި ހުރެގެންވެސް ކަސްރަތު ކުރެވިދާނެކަން ވިސްނިއްޖެ ކަން ހިމެނެއެވެ. އަދި ދެބެއިންގެ ތެރެއިން އެންމެ “ކޫލް” މީހަކީ ޚުޝީކަން އެނގިއްޖެ ކަމަށް ބުނެފައިވެއެވެ.  

ޖާންވީ މި ޕޯސްޓު އިންސްޓަގުރާމަށް ލާފައިވަނީ، އޭނާ އަކީ ލިޔުމަށް ލޯބި ކުރާ މީހެއްކަން އިޙްސާސް ވެއްޖެ ކަމަށް ބުނެއެވެ. އަދި މިއީ ތިން ދުވަސް މަތިން ލިޔެ ނިންމާފައި ވާ ލިޔުމެއް ކަމަށް ބުނެފައިވެއެވެ. މި ޕޯސްޓަށް އެއް ލައްކައަށްވުރެ ގިނަ ލައިކް ލިބިފައި ވާ އިރު، ގިނަބަޔަކު އަންނަނީ ޖާންވީގެ ލިޔުމަށް ތަޢުރީފު ކުރަމުންނެވެ.

ޖާންވީ ކަޕޫރު، 23، އަކީ 2018 ވަނަ އަހަރު ނުކުތް ފިލްމު ‘ދަޅަކް’ އިން ބޮލީވުޑަށް ތަޢާރަފްވި ފަންނާނެކެވެ. އަދި މި އަހަރު ނުކުންނަން ހުރި ޖާންވީގެ ފިލްމުތަކުގެ ތެރޭގައި “ރޫހީ އަފްޒާނާ” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!